ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތައް ސާބިތުނުވާ މައްސަަލައާ ގުޅިގެން، ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި އާ އިސްތިއުނާފު ފޯމް ބަލައި ނުގަތުމަށް ހައިކޯޓުން ދެންމެ ނިންމައިފިއެވެ.
ހުޅުމާލޭގައި 3،000 ފުލެޓް އިމާރާތްކުރަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނެގި މައްސަލައިގައި، އައްމަޓީއަށް ކުރި ހިޔާނާތުގެ 42 ދައުވާގައި، މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމްކުރީ، އެ މައްސަލަތައް އައްމަޓީގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.
ނަމަވެސް ދައުލަތުން ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތަކެއް ބާއްވާފައިވަނިކޮށް ދައުލަތުންވަނީ އާ އިސްތިއުނާފެއް ހުށަހަޅައިފައެވެ. އެއިރު އައްމަޓީގެ ފަރާތުން ވަނީ ފުރަތަމަ އިސްތިއުނާފީ މައްސަލައަށް ޖަވާބުދާރީވެފައެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުމަށް މި އިސްތިއުނާފީ ފޯމު ހުށަހެޅުވުމަށް ދައުލަތަށް ފުރުސަތު ދެއްވަމުން މި މައްސަަލަ ބައްލަވާ، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ވިދާޅުވީ، އެ އިސްތިއުނާފު ފޯމުގައި ބަދަލު ވެފައިވާ ކަންތައްތަކަކީ ކޮބައިތޯއާއި އެ ފޯމު ކޯޓުން ބަލައިގަންނަންޖެހޭ ސަބަބުތައް ސާފުކޮށްދެއްވުމަށެވެ.
ދައުލަތުގެ ވަކީލު، ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ ފާތިމަތު ނީޝާ ވިދާޅުވީ، އައްމަޓީގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް މިދިޔަ އޭލްރީލް މަހުގެ ނުވަވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރުމާ ހުޅިގެން މި މައްސަލަ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅީ އޭލްރީލް 11 ގައި ކަމަށެވެ.
"އެހާ ކުރު މުއްދަތެއްގެ ތެރޭގައި މި މައްސަަލަ އިސްތިއުނާފަށް ހުށަހެޅީ، މި މައްސަލައިގައި ދައުވާ ރައްދުވާ ފަރާތް (އައްމަޓީ)އަކީ މި މައްސަލައިގައި ކުރިންވެސް ފުރައިގެން ގޮސްފައިވާ ފަރާތަކަށްވާތީ، މި މައްސަލަ އިސްތިއުނާފު ކުރަން ޕްރޮސިއުޝަނުން ގަސްތުކުރާކަމަށް އާއްމުކޮށް އިއުލާން ކޮށްފައިވާ ހާލަތުގައި، މި މައްސަލަ ކުރިއަށް ގެންދާއިރު އެފަރާތުން ފުރައިގެން ގޮސްފި ނަމަ، މައްސަލަ ކުރިއަށްގެންދަން ކޯޓަށްވެސް ދަތިތަކެއް ކުރިމަތިވާނެތީއާއި ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ އަދި މުޖުތަމައުގެ މަސްލަހަތު އިންތިހާއަށް އޮތް މައްސަލައެއް ކަމަށްވާތީ،" ދައުލަތުން ވިދާޅުވިއެވެ.
އެ ކަންކަމަށް ރިއާޔަތްކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެ މައްސަލަ އެހާއަވަސް މުއްދަތެއްގައި އިސްތިއުނާފަށް ހުށަހެޅީ، މައްސަަލަ ރައްދުވާ، އައްމަޓީ ފުރުން މަނާކުރުމުގެ އަމުރަކަށް އެދުމުގެ ބޭނުމުގައިކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ފުރަތަމަ ފޯމުގައި އިސްތިއުނާފު ހުށަހަޅާފައިވާނީ، އެންމެ ނުކުތާއެއްގެ މައްޗަށް ކަމަށެވެ. ފަހުން ހުށަހެޅި އާ އިސްތިއުނާފު ފޯމުން އެ ނުކުތާއަށް ބަދަލެއް ނާންނާނެ ކަމަށާއި، މައްސަލައިގައި ހުށަހަޅާފައިވާ ލިއުންތަކަށްވެސް ބަދަލެއް ގެނަސްފައި ނުވާނެ ކަމަށެވެ.
ހަމައެނި ގެނައި ބަދަލަކީ، މި މައްސަލަ ކުރިމިނަލް ކޯޓުން ނިންމި ނިންމުން، ގާނޫނާ ހިލާފުވި ގޮތުގެ ތަފުސީލްތައް އިތުރަށް ބަޔާންކޮށްދިނުން ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުން ހުށަހެޅި އާ ފޯމާ ބެހޭގޮތުން ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންވަނީ ދައުލަތާ ގިނަ ސުވާލުތަކެއް ކޮށްފައެވެ.
ދައުލަތުން މި މައްސަލައިގެ އިސްތިއުނާފު ހުށަހެޅި ދުވަހު، ތަފުސީލްތައް ފަހުން ހުށަހަޅާނެކަމަށް ވިދާޅުވެފައި ނުވާއިރު، މައްސަލައިގެ އިސްތިއުނާފު ހުށަހެޅި އިސްތިއުނާފަށް ޖަވާބު ހުށަހެޅި، ނިމުނުފަހުން ފޯމަށް ބަދަލު ގެނައުމަކީ، ރަނގަޅު ފްލޯގައި މައްސަލަ ކުރިއަށް ދިއުންތޯ ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.
އެ ސުވާލުގެ އިތުރުންވެސް ގިނަ ސުވާލުތަކެއް ފަނޑިޔާރުންވަނީ ދައުލަތާ ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އައްމަޓީގެ ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ، އެ ފަދަ މައްސަލައެއް ހުށަހެޅުމުން ދެ ފަރާތުގެ ދައްކާ ވާހަކަތަކަށް ބެލުމަށްފަހު ގޮތެއް ކަނޑައެޅުމުގެ އިހުތިޔާރު، ހައިކޯޓުގެ ގަވާއިދުގެ ދަށުން ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފަށް ބަދަލު ގެންނަން ނޫން ގޮތަކަށް އާ ފޯމެއް ހުށަހަޅައިފާނެކަަމަށް ގަބޫލު ނުކުރައްވާކަމަށް ނިހާޔަތު ވިދާޅުވިއެވެ. އަދި މައްސަލައިގެ އިސްތިއުނާފު ހުށަހަޅައި ޖަވާބުވެސް ހުށަހަޅައި، އެކަންކަމާމެދު ފަނޑިޔާރުން ގިނަ ސުވާލުތަކެއްކޮށް ޖަވާބުތަކެއްދީ އެ ކަންކަމާމެދު ގޮތް ކަނޑަަޅާ މަރުހަލާއަށް ގޮސްފައިވަނިކޮށް ދައުލަތުން އާ ފޯމެއް ހުށަހެޅުމަކީ އިސްތިއުނާފު އަޑުއެހުމުގައި ފާހަގަކުރެވުނު ކަންތައް ފޫބައްދަން ހުށަހަޅާ ހުށަހެޅުމެއްކަމަށް ގަބޫލު ކުރެވޭކަމަށް ނިހާޔަތު ވިދާޅުވިއެވެ.
އެހެންކަމުން އާ ހުށަހެޅުމަށް ފުރުސަތު ނުދިނުމަށް އެދޭ ކަމަށާއި، އިސްތިއުނާފު ހުށަހެޅުމުގެ ފުރުސަތުވެސް ހަމަވެފައިވާތީ އެފަދަ ލިއުމެއް ހުށަހަޅައި ބަލައި ގަތުމުގެ ފުރުސަތު ދައުލަތަށް ދޭން ނުފެންނަކަމަށް ދިފާއުން ވިދާޅުވިއެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު، އާ އިސްތިއުނާފު ފޯމާ ބެހޭގޮތުން ފަނޑިޔާރުން ނިންމެވި ނިންމެވުމުގައި ވިދާޅުވީ، މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ތާވަލް ކުރިއިރުވެސް، އިސްތިއުނާފު އިސްލާހުކުރަން ބޭނުންވާކަން ދައުލަތުން އަންގާފައި ނުވާ ކަމަށެވެ.
އިސްތިއުނާފުގެ ޖަވާބު ފޯމު ފޮނުވުމުންވެސް އެފަދައިން އަންގާފައި ނެތުމާއި، އިސްތިއުނާފު އަޑުއެހުން ބާއްވައި، އިސްތިއުނާފު ހުށަހެޅުމަށް އެންގުމުންވެސް އެ ފުރުސަތަށް އެދޭކަމަށް ދައުލަތުން ބަޔާންކޮށްފައިނުވާކަން ފަނޑިޔާރުން ފާހާގަކުރެއްވިއެވެ.
މި މައްސަލަ އިސްލާހު ކުރަން ފުރުސަތަށް އެދުނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބިފައިނުވާތީކަމަށް ދައުލަތުން ބުނާއިރު ހުށަހަޅާފައިވާ އެ އިސްލާހަކީވެސް ރިޕޯޓް ލިބުމުން ތައްޔާރުކޮށްފައިވާ އިސްލާހެއް ނޫންކަން ދައުލަތުގެ ބަހުން އެނގޭކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އަދި އިސްތިއުނާފު ހުށަނާޅާ މިހާ ލަސްވުމުގައި އޮތް ޒަރޫރަތެއް ސާފު ނުވާތީއާއި އިސްތިއުނާފު ހުށަހެޅި އިސްތިއުނާފުގެ ޖަވާބު ފޯމަށް ޖަވާބުވެސް ހުށަހެޅިފައިވުމާއި، އިސްލާހުގައި ހުރި ކަންކަން އިސްތިއުނާފުގެ ޖަވާބުގެ ރައްދުގައި ފާހަގަކުރަން ފުރުސަތު ލިބޭ ނަމަ، އާ އިސްތިއުނާފު ފޯމެއްގެ ގޮތުގައި އެ ފޯމު ބަލައިނުގަތުމާމެދު އިއުތިރާޒެއް ނެތްކަމަށް ދައުލަތުން ބުނާތީ، އެ އިސްތިއުނާފު ފޯމު އާ ފޯމެއްގެ ގޮތުގައި ބަލައިނުގަތުމަށް ޝަރީއަތުން ނިންމާކަމަށް، ފަނޑިޔާރުން ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ކޮމެންޓް