ހުޅުމާލޭގައި ސީލައިފް އިން ހިންގި ހައުސިން މަޝްރޫއުގެ ފްލެޓްތަކަށް މީހުންގެ އަތުން ނެގި އެޑްވާންސް ފައިސާ އަނބުރާ ދައްކަން ޖެހުނު މައްސަލައިގައި އެ ކުންފުނީގެ އަތުން 49 މިލިއަން ރުފިޔާ ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި ދައުވާ އަނބުރާ ގެންގޮސްފިއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް ހަދަން އެޗްޑީސީގެ ފަރާތުން ސީލައިފްއާ ހަވާލުކުރީ 13 މާޗް 2014 ގައެވެ. ނަމަވެސް ސީލައިފުން އެ އެއްބަސްވުމާ ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލައިގައި އެޗްޑީސީން ސީލައިފް އާއެކު ހަދާފައި އޮތް އެއްބަސްވުން 24 ޑިސެމްބަރު 2018 ގައި ބާތިލުކުރިއެވެ.

ސީލައިފް އިން ހަދަން ހަވާލުވި ފްލެޓްތަކުގެ މަސައްކަތް ނުނިމި، އެ ފްލެޓްތަކުގެ ބުކިން ފީ އަދި ޑައުންޕޭމަންޓަށް މީހުން ދެއްކި ފައިސާ ނުލިބޭތީ 203 މީހަކު ސީލައިފް އާއި އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ.

ސީލައިފުން އެ ފައިސާ ދައްކަން އެއްބަސްވި ނަމަވެސް އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އޭރު ދައުވާކުރި މީހުންނާއެކު އެޗްޑީސީން ސެޓެލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، 46 މިލިއަން ރުފިޔާ 180 މީހަކަށް އެޗްޑީސީން ދިނެވެ.

އެޗްޑީސީވް ވަނީ، އޭރު ދޫކުރި 46 މިލިއަން ރުފިޔާއާއާއި ފައިސާ ނުދެވި ތިބި މީހުންނަށް ދޭން ޖެހޭ ފައިސާއާއި އިދާރީ ކަންކަމާއެކު ޖުމުލަ 49 މިލިއަން ރުފިޔާ ސީލައިފް އަތުން ހޯދަން ދައުވާކޮށްފައެވެ.

ނަމަވެސް އެޗްޑީސީން ވަނީ އެ މައްސަލަ އަލުން ހުށަހެޅުމުގެ ހައްގު ލިބޭ ގޮތަށް އެ ދައުވާ އަނބުރާ ގެންދަން އެދި ކޯޓަށް ސިޓީއެެއް ފޮނުވައިފައެވެ.

އެ މައްސަލައިގައި، ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނިންމީ އެޗްޑީސީން އެދުނު ގޮތަށް ދައުވާ ބާތިލުކުރުމަށެވެ.

ސީލައިފުން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ ކޮށްފައެވެ.