ކުޅިވަރު

ރެއާލް ކުޅުންތެރިއެއްގެ ހުރިހާ ސިފަތަކެއް އެމްބާޕޭ ގައިގައި އެބަހުރި: ބެންޒެމާ

ރެއާލް މެޑްރިޑް ކުޅުންތެރިއްގެ ގައިގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް ކިލިއަން އެމްބާޕޭގައި ގައިގައި އެބަހުރި ކަމަށް ޔޫރޯއަށް ތައްޔާރު ވަމުންދާ ފްރާންސް ސްކޮޑުގެ ފޯވަޑް ކަރިމް ބެންޒެމާ ބުނެފިއެވެ.

ރެއާލްއަށް 2009 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އެޓީމުގެ ތަރި ބެންޒެމާ ބުނެފައި ވަނީ ކޮންމެ ހާލަތެއްގައިވެސް ރެއާލްއިން އެމްބާޕޭއަށް މަރުހަބާ ކިޔާނެ ކަމަށާއި އެމްބާޕޭ ކޮންމެވެސް ދުވަހަކުން ރެއާލް ޖާޒީގައި ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"އެމްބާޕޭ ރެއާލްއަށް؟ ކޮންމެ ހާލަތެއްގައިވެސް އެމްބާޕޭއަށް ރެއާލްއިން މަރުހަބާ ކިޔާނެ. އެމްބާޕޭއަކީ ރެއާލް ކުޅުންތެރިއެއް ގައިގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް ހުރި މޮޅު ކުޅުންތެރިއެއް، އަހަރެން އުންމީދު ކުރަން އެމްބާޕޭ ރެއާލް ޖާޒީގައި ފެންނާނެ ކަމަށް،" ބެންޒެމާ ބުނެފައިވެއެވެ.

އެމްބާޕޭ މިވަގުތު ޕީއެސްޖީގައި ހުރީ ދިގު މުއްދަތަކަށް އެ ކްލަބުގައި މަޑުކުރާ ގޮތަށެވެ. އެކަން ވަނީ ޕީއެސްޖީގެ ބޯޑުންނާއި ކްލަބުގެ ވެރިޔާވެސް ޔަގީން ކޮށްދީފައެވެ. ނަމަވެސް އެމްބާޕޭ ކުރިން ބުނެފައި ވަނީ އޭނާގެ ކެރިއަރުގައި ކޮންމެވެސް ހިސާބަކުން ރެއާލްއިން ފެނިދާނެ ކަމަށާއި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލްގައި ހޯދި ކާމިޔާބީއަކީ އޭނާ ނަމޫނާއެއްގެ ގޮތުގައި ބަލާނެ ކާމިޔާބީއެއް ކަމަށެވެ.

ބަލަމުން ދިޔަ ބްލެކްމެއިލިންގެ މައްސަލައަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ބެންޒެމާ ފްރާންސް ސްކޮޑުން އެކަހެރި ކޮށްފައި ހުއްޓެވެ. ނަމަވެސް އެ މައްސަލަ ސާފުކޮށް، މިފަހަރުގެ ޔޫރޯއަށް ކޯޗު ޑިޑިއާ ޑިޝޯމްޕްސް ވަނީ ބެންޒެމާ ސްކޮޑަށް ނަގައިފައެވެ. ޔޫރޯ ވެގެންދާނީ ބެންޒެމާ އާއި އެމްބާޕޭ އެކުގައި ފްރާންސް ގައުމީ ޓީމަށް ކުޅޭނެ ފުރަތަމަ މުބާރާތަށެވެ.