ރާއްޖޭގެ އާބާދީ ބޮޑު އެއް ސިޓީ އެވެ. ދިހަ ހާހަށްވުރެ ގިނަ މީހުން އުޅޭ މި ސިޓީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް މީހަކު ރަހީނުކޮށްގެން އަނިޔާ ކުރާނެ ކަހަލަ އިހުސާސެއްވެސް އެވަރުގެ ކަމެއް ބަޔަކު ކޮށްފާނެ ކަމަށްވެސް ހިއެއްވެސް ނުކުރެވެ އެވެ. ވަގުތަކީ އިރާކޮޅު ވަގުތަށްވެފައި މީހުންވެސް ހޭލައި އުޅޭނެ ވަގުތެވެ. ނަމަވެސް ކޮވިޑުގެ ބަލި މަޑުކަމާހެދި މީހުން ކޮންމެހެން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ބޭރަކަށް ނުނިކުމެ އެވެ.

އިއްޔެ މުޅި ރާއްޖެ ސިއްސުވާލީ ކުޅުދުއްފުށީގައި، މޫނު ނިވާކޮށްގެން ތިބި ބަޔަކު މީހަކު ރަހީނުކޮށް އަނިޔާ ކުރުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވި ހަބަރުންނެވެ. އަނިޔާގެ ސަބަބުން އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. ހާލު ސީރިއަސް ވެ ކުޅުދުއްފުށިން ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން އޭނާ މާލެ ފޮނުވައިލީ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން އަންނަނިނިކޮށް އޭނާ ހޭ އަރައި ފުލުހުންނަށް ބަޔާންވެސް ދިން ކަމަށް ވެއެވެ. ނަމަވެސް އެއިރުވެސް އޭނާއަށް ފަރުވާދިނީ ކޮންމެ ވަގުތެއްގައިވެސް ހާލު ސީރިއަސް ވެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބަލައިގެންނެވެ.

ފުލުހުން ބުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ކުޅުދުއްފުށިން މީހަކު ރަހީނު ކޮށް އަނިޔާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަނަނައިރު މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ކުޅުދުއްފުށީ، ރަތްފުސްގެ، އަހުމަދު އިބްރާހިމް 29އ. އަށެވެ.

ކުޅުދުއްފުށިން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އަހުމަދު އަކީ ވައްކަން ކުރާ މީހެއް ކަމަށް ރަށުތެރޭގައި ކިޔާ ކަމަށާއި އޭނާ ތަނަކުން ވައްކަން ކުރާ ވީޑިއޯއެއް ކަމަށް ބުނާ ވީޑިއޯއެއް މިފަހަކުން އާންމު ވި ކަމަށެވެ. ހަމަލާ ދިނީ އޭނާ ވައްކަން ކުރާތީ އެކަމާ ރުޅިގަދަވެގެން ކަމަށްވެސް ރަށުތެރޭގައި ވާހަކަ ދެކެވޭ ކަމަށް އޭނާ ބުންޏެވެ.

"މި ހަމަލާގެ ސަބަބުން މުޅި ރަށް މިހާރު މި އޮތީ ބިރުވެރިކަމެއްގަ. ކޮވިޑަށްވުރެ ބިރުވެރި ކަމެއް ހިނގައިގެން މި ދިޔައީ. މުޅި ރަށުތެރޭގަ ކިޔަނީ އޭނައަށް ހަމަލާދިނީ ވައްކަން ކުރާތީ ރުޅި ގަދަވެގެންނޭ. އެކަމަކު އެއީ ތެދެކޭ ބުނާކަށް ނުކެރޭނެ. އަޅުގަނޑަކަށް ނުފެނޭ އޭނަ ވައްކަން ކުރި ތަނެއް. އޭނާ އަކީ މަސްތުވާތަކެތި ބޭނުން ކުރި ކުއްޖެއް. އެކަމަކު މިފަދަ އެއްވެސް ކަމެއްގަ މީގެ ކުރިން ފުލުހުން އޭނަ ހައްޔަރު ކުރި ކަމެއް ޔަގީނާއެކު ބުނާކަށް ނޭނގެ." އޭނާ ބުންޏެވެ.

ކޮންމެ ކުށެއް ކުރިޔަސް ގާނޫނުގެ ތެރެއިން އަދަބު ދެވެން އޮންނަ އިރު، މިހާ ބޮޑު އިންސާނިއްޔަތާ ހިލާފު ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ރަށުން ވާހަކަދެއްކި އެހެން މީހަކު ބުންޏެވެ. ދީނުގައިވެސް އޮންނަނީ ވައްކަން ކުރާ މީހަކަށް ދެވޭނެ އަދަބެއްގެ ގޮތުގައި އަތް ބުރި ކުރުން ކަމަށްވާއިރު އެއް އިންސާނަކު އަނެއް އިންސާނަކަށް މިހާ ބޮޑު އަނިޔާއެއް ދޭން ޖެހޭ ފަދަ ހާލަތަކަށް ދާން ޖެހޭނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށްވެސް އޭނާ ބުންޏެވެ.

"އަނެއްހެން އަހުމަދަކީ މަސްތުވާތަކެތި ބޭނުންކޮށް އެކަމުގަ އުޅޭ މީހެއް. ވައްކަން ކުރިޔެކޭވެސް ނުކުރެއެކޭވެސް ބުނަން ނޭނގެ. ކޮށްވެސް ފާނެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން އެ ހޯދުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ. އެކަމަކު އޭގެ މާނައަކީ އެ މީހަކު ތަޅާ އަނިޔާކޮށް މަރާލުމެއް ނޫން ދެއްތޯ؟ އަޅުގަނޑު މިހުރީ ހައިރާންވެފަ. މި ކުޑަކުޑަ މުޖުތަމައުގަ މިހާ ރަހުމުކުޑަ މީހުން އުޅޭތީ. ކުރިން ގަބޫލު ނުކުރެވުނަސް މިހާރު ގަބޫލު ކުރަން މަޖުބޫރު. ދަރިންވެސް އެކަނި ބޭރަށް ފޮނުވާކަށް ދެނެއް ލާހިކެއް ނޫން." އަނިޔާވެ ހާލު ސީރިއަސް ވެ ފަރުވާދެމުން އަންނަ އިބްރާހީމްގެ އަވަށްޓެރިޔަކު ބުންޏެވެ.

މި ހާދިސާއަށްފަހު މުޅި ކުޅުދުއްފުށީގައިވަނީ ބިރުވެރިކަން އުފެދިފަ އެވެ. އެ ރަށު މީހުން ގަބޫލު ކުރާ ގޮތުގައި މިއީ ކޮވިޑްގެ ބަލި މަޑުކަމަށްވުރެ މާ ނުރައްކާތެރި މާ ބިރުވެރި ކަމެކެވެ.

"އަޅުގަނޑެއް ނުބުނާނަން އަޅުގަނޑުގެ ދަރިފުޅު (އަހުމަދު) ވައްކަމެއް ނުކުރާނެޔެކޭ. އަދި ކޮށްފާނެޔެކޭވެސް. އެކަމަކު މިހެން ހަދާކަށް ނުވާނެދޯ. ގާނޫނެއް އެބަ އޮތް. ތަންފީޒު ކުރާ އިދާރާތައް އެބަ އޮތް. އެގޮތް އޮއްވައި ރަހީނު ކޮށްގެން ގެންގޮސް އެހާ ވަރަށް އަނިޔާކޮށްފަ ނަގައި އެއްލާލީ ކިހާ ރަހުމު ކުޑަވީމަތޯ؟ މިހާރުވެސް އެއޮތީ މަރުގެ ތުންފަތް މަތީގައޭ ބުނުމަކުން ދޮގަކަށް ނުވާނެ. އެހާވެސް ހާލު ސީރިއަސް."

އަހުމަދު އިބްރާހީމްގެ ބައްޕަ އިބްރާހިމް ހުސައިން "ވަން" އަށް ހާދިސާ ހިނގައިދިޔަ ގޮތް ހިއްސާ ކުރަން ފަށަމުން އަސަރާއެކު ބުންޏެވެ.

އިބްރާހިމް ބުނީ، އަހުމަދަކީ މީގެ ތިން އަހަރު ކުރިން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަމުން އައި މީހެއް ކަމަށާއި ނަމަވެސް މަސްތުގެ ވަބާގައި ޖެހި މީހާ އެކަމުގެ ތެރެއަށް އެއްލައިލީ ކަމަށެވެ. އެހެން ނަމަވެސް މަސްތުގެ ވަބާއިން ސަލާމަތް ވުމަށް ރިހިބިލިޓޭޝަން ސެންޓަރަށް އަމިއްލައަށް ގޮސް ފަރުވާ ހޯދަމުން އައި ކަމަށާއި ނަމަވެސް ކޮވިޑުގެ ސަބަބުން އެކަންވެސް މެދުކަނޑާލައި އަނބުރާ ރަށަށް އޭނާ އަންނަން ޖެހުނީ ކަމަށެވެ.

އަހުމަދުއަކީ މީހުންނާ ޒުވާބުކޮށް ހަދާ މީހެއް ނޫން ކަމަށާއި ނަމަވެސް މި ފަހަކުން ސައިކަލެއްގެ މައްސަލައެއްގައި އޭނާ ގައިގައި ބަޔަކު ތެޅި ކަމަށެވެ. އެކަމަކު އެ ފަހަރު މާބޮޑު އަނިޔާއެއް ނުވެ އޭނާ ސަލާމަތްވި ކަމަށް ވެސް އަހުމަދުގެ ބައްޕަ ބުންޏެވެ.

"އެއްދުވަހަކު ބުނި މީހެއްގެ ސައިކަލެއް ދުއްވި މައްސަލައިގަ ގައިގަ ތެޅިއޭ. އެފަހަރު ދެން މާ ބޮޑު އަނިޔާއެއް ނުވޭ. އެފަހަރުވެސް ވަރަށް ބޮޑަށް ނަސޭހަތް ދިނިން." އަހުމަދަށް ފުރަތަމަ ހަމަލާއެއް އައި ގޮތް ކިޔައިދެމުން ބައްޕަ އިބްރާހިމް ބުންޏެވެ.

އިބްރާހިމް ބުނީ މީގެ ދުވަސްތަކެއް ކުރިން، (ކިހާ ދުވަހެއް ކަމެއް ހަނދާނެ ނެތް) އަހުމަދަށް ހަމަލާއެއް އައިސްދާނެ ކަމަށް ބަޔަކު އިންޒާރު ދިން ކަމަށް އޭނާ ބުނި ކަމަށެވެ. ނަމަވެސް އިންޒާރު ދިނީ ކޮން ބައެއްކަން އޭނާ ނުބުނާ ކަމަށްވެސް އިބްރާހިމް ބުންޏެވެ. ނަމަވެސް ފުލުހުންނަށް މިކަމުގެ ރިޕޯޓު ކުރި ކަމަށް އަހުމަދު ބުނި ކަމަށް ބައްޕަ ބުންޏެވެ.

"މީގެ ދުވަސްކޮޅެއް ކުރީން، ސީދާ ކިހާ ދުވަހެއް ކުރިން ކަމެއް ހަނދާނެއް ނެތް. އެކަމަކު ވަރަށް މިފަހުން އެއްދުވަހަކު އައިސް ބުނި ބަޔަކު ތިމަންނަޔަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދިނޭ. ދެން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައި. ވަރަށް ޔަގީން ކަމާއެކު މި ބުނަނީ އެކަން ފުލުހުންނަށް ރިޕޯޓުވެސް ކުރި. ދެން ފުލުހުން އޭރު ބުނީ ތިކަން ބަލާނަމޭ." އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން "ވަން" އިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެފަދަ އެއްވެސް ރިޕޯޓެއް ހަސަންގެ ފަރާތުންވެސް އަދި އެހެން މީހެއްގެ ފަރާތުންވެސް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އިބްރާހިމް ބުނީ ރަހީނު ކުރުމަށްފަހު އޭނާގެ ދަރިފުޅު ގެންދިޔައީ އެއާޕޯޓާ ދިމާ ފުއްޓަރު ފަރާތަށް ކަމަށާއި ބެލެވެނީ ދަގަނޑު ބުރިއަކުން ހަމަލާދިނުމަށްފަހު ނަގައި އެއްލައިލީ ކަމަށެވެ. ހަމަލާދިން މީހުން އޭނާ ނަގައި އެއްލައިލުމަށްފަހު ދިޔުމުން ކޮންމެވެސް ގޮތަކުން ތެދުވެގެން އެ ހިސާބާ އެންމެ ކައިރީގައި ހުރި ގޭގެ ދޮރުގައި ޓަކި ޖެހީ ކަމަށެވެ. އަދި ސަލާމަތަށް އެދުނީ އެ މީހުން ގާތު ކަމަށްވެސް ބުންޏެވެ.

"އަޅުގަނޑުގެ ދަރިފުޅަށް، އެއީ އަހުމަދާ ޖެހިގެން ހަގަށް ހުންނަ ކުއްޖާ އަށް މީހަކު ގުޅާފަ ބުނީ ވަރަށް އަވަހަށް އައިސްބަލާށޭ. އަހުމަދުގެ ގައިން ވަރަށް ލޭފައިބައޭ އެބަ. ނޭނގެއޭ ވީ ގޮތެއް. މިހެން ބުނީމަ ދިޔައީ އެތަނަށް." އޭނާ ބުންޏެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް އަހުމަދު ގެންދިޔައިރު ހޭވެރިކަމެއް ނެތް ކަމަށާއި ނަމަވެސް ފަރުވާ ދެމުން އަންނަނިކޮށް އޭނާ ހޭ އަރައިގެން ފުލުހުންނަށް ބަޔާންދިން ކަމަށްވެސް ބައްޕަ ބުންޏެވެ. އަދި ހަމަލާދިނީ ކޮން ބައެއްކަން އާއިލާ މީހުން ގާތު ބުނެފައި ނުވާ ކަމަށާއި ނަމަވެސް ބެލެވޭ ގޮތުގައި އެ މައުލޫމާތު އޭނާ ފުލުހުންނާ ހިއްސާ ކުރި ކަމަށް ވެސް އަހުމަދުގެ ބައްޕަ ބުންޏެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ދެވޭނެ އިތުރު ފަރުވާއެއް ނެތިގެން މާލެއަށް ގެނެސް މިހާރު އޭޑީކޭގައި އަހުމަދަށް ފަރުވާދެމުން އަންނައިރު ބޮލުގެ އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. އަދި ޑޮކްޓަރުންނާއި ހަވާލާދީ އިބްރާހީމް ބުނީ، އަހުމަދުގެ ބޮލުގެ ނާށިގަނޑުގެ ދެ ފަރާތުން ފަޅައިގެން ގޮސް ސިކުނޑިއަށް ގިނަ އަދަދަކަށް ލޭ އެޅިފައިވާ ކަމަށެވެ.

އިބްރާހިމް ބުނީ އޭނާގެ ދަރިފުޅަށް އަނިޔާ ކުރި މީހުންނަށް އޭނާ މައާފު ކުރާނެ ކަމަށެވެ. ނަމަވެސް އެއީ އެމީހުން އޭނާގެ ކުރިމައްޗަށް އައިސް އަހުމަދަށް އަނިޔާ ކުރީ ތިމަންނާމެނޭ ބުނެ މައާފަށް އެދެފި ހާލަތެއްގައި ކަމަށް ބުންޏެވެ.

"އަދަބު ދީ ޖަހަން އޮންނަނީ ނަމާދު ނުކޮށްގެން. އެކަމަކު އަޅުގަނޑުގެ ދަރިފުޅު ގައިގައި މިވަރަށް ތަޅައި އަނިޔާކުރީ ކީއްވެ ކަމެއް އަދި ބުނާކަށް ނޭނގެ. އަނިޔާ ކުރި މީހުންނަށް މައާފު ކުރާނަން. އެކަމަކު އެ މީހުން އަހަރެން ކުރިމައްޗަށް އައިސް އަހުމަދަށް އަނިޔާކުރީ ތިމަންނާމެނޭ ބުނީމަ." އޭނާ ބުންޏެވެ.

އިބްރާހީމް އަދި އިތުރަށް ބުނީ، އެމީހުންގެ އާއިލާއަކީ އެހައި ފުދުންތެރި އާއިލާއެއްވެސް ނޫން ކަމަށާއި ކޮވިޑުގެ މި ހާލަތުގައި މާލެއަށް އައިސް ދަރިފުޅަށް ފަރުވާ ހޯދަން ތިބޭން ޖެހޭ އިރު، ބޭސް ފަރުވާގެ ހަރަދު އާސަންދައިން ލިބުނު ނަމަވެސް ތިބުމާއި ކެއުމާއި އެހެނިހެން ހަރަދުތައް ކުރާން ޖެހުން ވެސް އިތުރު ކަންބޮޑުވުމަކަށް ވެފައިވާ ކަމަށެވެ. އަދި އެ މިހާލަތުގައި އިތުރު ތަކުލީފަކަށް ވާ ކަމަށާއި އެހެން ނަމަވެސް ދަރިފުޅުގެ ހައްގުގައި ކުރާން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި މި ކަމުގައި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމަށް ވެސް މިހާލަތުގައި އެދޭ ކަމަށް އިބްރާހީމް ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، މިހައި ތަނަށް އައި އިރު އެއްވެސް މީހަކު މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރިކަން އާންމު ކޮށްފައެއް ނުވެ އެވެ.