ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)އަށް ބަދަލު ގެންނަވަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކު ވިދާޅުވީ، މި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށް ދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕަށް ބަދަލުތައް ގެންނަންޖެހޭ ކަމަށް ދެކިވަޑައިގެން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދަށް ރައީސް އެންގެވި ކަމަށެވެ.

އެސްޕީޖީގެ ކޮމާންޑަރުން މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި އާ އޮފިސަރުންތަކެއް ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން އެސްޕީޖީގެ ކޮމާޑިން އޮފިސަރަކަށް ހަމަޖައްސާފައި ވަނީ ލެފްޓިނަންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާއެވެ. އަދި އެސްޕީޖީގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖާ މޫސާ ރަމީޒު ހަމަޖެއްސި އިރު، ފަސްޓް ސާޖަންޓަކަށް ހަމަޖައްސާފައިވަނީ ފަސްޓް ސާޖަންޓް އަބްދުﷲ ޖަމީލެވެ.