ރާއްޖޭގެ ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ)ގެ ކޮވިޑް 19 އަށް ޕޮޒިޓިވްވެ، ޓީމާ ދުރަށް ދާން ޖެހިއްޖެ އެވެ.

މިއަދު ހެނދުނު އަޝްފާގު ކުރި ޓުވީޓެއްގައި ބުނީ، ޗައިނާ އަށް ދިއުމުގެ ކުރިން އޭނާ ހެދި ދެ ވަނަ ކޮވިޑް ޓެސްޓު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ރަަނގަޅު ކަމަށާއި އަދި ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ބުނެފައިވެ އެވެ.

އުމުރުން 35 އަހަރުގެ ދަގަނޑޭ މީގެ ކުރިން ވަނީ ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމާއެކު ހޮޓެލް ޖެންގައި ކޭމްޕު ކުރުމަށްފަހު، އަންހެނުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެގެން ކޭމްޕު އައިސޮލޭޝަނަށް ގޮސްފަ އެވެ. ނަމަވެސް ކޮވިޑުގެ ނަތީޖާ ނެގެޓިވް ވުމުން އަލުން ޓީމާ ގުޅުނެވެ.

ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވް ވި އިރު، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކުޅުމަށް ޗައިނާ އަށް ދިއުމަށް މިއަދު ދުބާއީ މަގުން ފުރަން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ޗައިނާގެ ހެލްތު އޮތޯރިޓީން ލިބެން ޖެހޭ ހުއްދަ ނުލިބުމުން މިއަދު ނުފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިތުރު ކުޅުންތެރިންތަކެއް ޕޮޒިޓިވް ކަމެއް އެނގިފައެއް ނެތެވެ.

އޭޝިއަން ކަޕުގެ އިތުރުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބާކީ އޮތް މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އޭއެފްސީން ނިންމާފައިވާ އިރު، މެޗުތައް ޗައިނާގައި އޮންނާނީ މިއަދުން ފެށިގެން އަންނަ މަހު 15 ވަނަ ދުވަހާ ހަމައަށެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެ ވަނައިގައި އޮތް އިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައި ނުވާ ގުއާމެވެ.