ފުލުހުންގެ ހިދުމަތަކީ ހަމައެކަނި ޖިސްމާނީ ބާރު ބޭނުންކުރުމާއި މަގުމަތީގައި ތިބޭ ތިބުމަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށާއި، ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެ، މިއަދުގެ ފުލުސް އޮފިސަރުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި ނަތީޖާ ނެރޭ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް 2026" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.
އިސްކަންދަރު ކޮށީގައި މިއަދު ފެށި މި މަހާސިންތާއަކީ "ފްރޮމް ނޮލެޖް ޓޫ އެކްޝަން: ބިލްޑިން ސޭފާ ކޮމިއުނިޓީސް ޓުގެދާ" ގެ ޝިއާރުގެ ދަށުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ. މި ބައްދަލުވުމަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސާވިސަސް ގުޅިގެން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަދި ސީޕީ އަހުމަދު މުހައްމަދުގެ އިސްނެންގެވުމަށް އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ.
މުޖުތަމައަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ފަލްސަފާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، މިއަދުގެ ޒަމާނީ ފުލުހުންގެ މަސައްކަތް ބިނާވެގެންވަނީ ކުށް ހިންގުމުން ހަމައެކަނި ފިޔަވަޅު އަޅައި ތަހުގީގުކުރުމުގެ މައްޗަށް އެކަނި ނޫން ކަމަށެވެ. އެގޮތުން ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ހޯދައި ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވެވެނީ އެކަޑެމިކް ރިސާޗާއި "އެވިޑެންސް ބޭސްޑް ޕޮލިސިން" ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންނަކީ ހަމައެކަނި ހަށިގަނޑު ވަރުގަދަކޮށް ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށެވެ. އެއީ އިލްމީ ގާބިލުކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަން ހުރުން ކަމަށް ސީޕީ ވިދާޅުވިއެވެ. އެހެންކަމުން، ކޮންމެ ފުލުހަކީވެސް އިލްމީ ވިސްނުމުގެ އަލީގައި އަމަލީ މައިދާނުގައި ނަތީޖާ ނެރޭ ފަންނީ މީހަކަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މި މަހާސިންތާގެ ތެރެއިން ހުށަހެޅޭ ދިރާސީ ކަރުދާސްތަކަކީ ހަމައެކަނި އިލްމީ ބަހުސެއްގެ ގޮތުގައި ނިންމާލާނެ އެއްޗެއް ނޫން ކަމަށް ސީޕީ ވިދާޅުވިއެވެ. މި ކަރުދާސްތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމުގެ މައިގަނޑު އަސާސް ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް އެއީ ލަނޑުދަނޑި ހާސިލުކުރުމަށް އޮތް ހުރަހަކަށް ވިޔަނުދެއްވުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ. އަދި މަސައްކަތުގެ ފޯކަސް ނުގެއްލޭނެހެން ކޮންފަރެންސްގެ ބަހުސްތައް ކުރިއަށްގެންގޮސް، ރައްޔިތުންނަށް ދެވޭ ހިދުމަތް މިހާރަށްވުރެ ފުރިހަމަކުރުމަށް ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް