ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގައި ހުރި، އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރަކު ވަނީ ޝާހިދު އެ ގްރޫޕުން މިއަދުގެ ވަގުތެއްގައި ބޭރުކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ގައުމީ މަޖިލީހުގެ މެންބަރު މައުލޫމާތުދިން ގޮތުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕު ބޭރުކުރުމަކީ ފުލުހުންގެ ބަންދުގައި ހުންނަ ކޮންމެ ގައުމީ މަޖިލިސް މެންބަރަކާ މެދު އަމަލުކުރާ އުސޫލެކެވެ. އެއީ ފުލުހުންގެ ބަންދުގައި ހުންނަ މުއްދަތުގައި ފުލުހުން އެމީހެއްގެ ފޯނު ބެލުމުގެ ފުރުސަތު އޮންނާތީ އަމަލުކުރާ އުސޫލެކެވެ.

ހުޅުމާލޭގައި ޝާހިދު ދިރިއުޅުއްވާ އެޕާޓްމަންޓުން މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ ހައްޔަކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގައި ޝާހިދު ދިރިއުޅުއްވާ ހ. ރަބީއީމަންޒިލްއަށް ވަދެ ބަލައި ފާސްކޮށްފައެވެ.

ޝާހިދުގެ ފަރާތުން އޭނާ ހައްޔަރުކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް މިހާތަނަށް އެ ކޯޓުން މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާފައެއް ނުވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވަނީ ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ޕޯސްޓެއް ވެސް ކުރައްވައިފައެވެ. އެ ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.