ކޮވިޑް 19

ކޮވިޑުގައި މިއަދުގެ ފުރަތަމަ މަރު، ރާއްޖޭގެ ޖުމުލަ 157 އަށް

ކޮވިޑުގައި އިތުރު މީހަކު މަރުވެ ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 157 އަށް އަރައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ކޮވިޑުގައި އިއްޔެ ވެސް ފަސް މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ވަނީ މި ބަކީގައި ދުނިޔެ ދޫކޮށްފަ އެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭ ކޮވިޑުގެ ހަތަރު ވަނަ ރާޅެއްގައި ތެރޭގައި މިހާރު އޮތް އިރު، މިދިޔަ 11 ވަރަކަށް ދުވަހު ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު 1000 އިން މަތީގައި ހުރުމަށް ފަހު އިއްޔެ ވަނީ މި އަދަދު 1000 އިން ދަށަށް ޖެހިފަ އެވެ. ކޮވިޑު ކޮންޓްރޯލު ކުރުމަށް މުޅި ރާއްޖެއަށް ބަލާ އިރު، މީގެ ކުރީން އެއްވެސް ފަހަރަކު ނާޅާ ފަދަ ހަރުކަށި ފިޔަވަޅުތަކެއް މި ފަހަރު ވަނީ އަޅައިފަ އެވެ.