ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގެ ތެރެއިން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން ހައްޔަރު ކުރި އެ ހަތަރު މީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެދުވަހު ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ފްލެޓް 56-3-07، މުހައްމަދު ޒޫމާލް ޒަރީރު، 29، އެވެ. އޭނާގެ ބަންދަށް މިދިޔަ ބުދަ ދުވަހު ވަނީ 15 ދުވަސް ޖަހައިފައެވެ.
އަނެއް ތިން މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އަނެއް މީހާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ. ހައްޔަރު ކުރީ ސީދާ ކޮންތަނަކުން ކަމެއް ވިދާޅެއް ނުވެއެވެ.
ނަމަވެސް މި ހަތަރު މީހުންނަކީވެސް މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅުން ހުރި ބައެއް ނޫން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ފުލުހުން ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަޝަންތަކުގައި މިފަހުން ހައްޔަރު ކުރި ހަތަރު މީހުންނާއެކު 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި އަށް މީހަކާއި މާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ނުވަ މީހަކު ހައްޔަރުކޮށްފައިވެއެވެ.
މާލެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުވާ ހއ. މޮޅަދޫ/ ބަހާރުގެ، އަބްދުالله އަލީ މަނިކު ހިމެނެއެވެ. އޭނާއަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރުކޮށް ޖަލަށް ލުމުން ދެ ފަހަރެއްގެ މަތިން ޖަލުން ފިލި މީހެކެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އާއި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމު އަދި ލ. ގަން، ތުނޑި/ ފުންފިނިއުފާ، އަހުމަދު ފާތިހު (23) އެވެ.
މި ހަތަރު މީހުންގެ ތެރެއިން ބޮން ގޮއްވާލި ކަމަށް ތުހުމަތުވާ އަދުހަމް ހައްޔަރު ކުރީ ހުޅުމާލެއިންނެވެ. މުޖާޒް އާއި ތަހުމީން ހައްޔަރު ކުރީ މާލެއިންނެވެ. އަދި ފާތިހު ހައްޔަރު ކުރީ ހާދިސާއަށްފަހު ބ. ދަރަންވަންދޫ އަށް ގޮސް ހުއްޓައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު