އެންމެ ގިނަވެގެން ދިހަ އަހަރުގެ ތެރޭގައި ރަސްމާލެ އެއްކޮށް ތަރައްގީވެ ފުރިހަމަ ސިޓީއަކަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސްދޭ ނޭޝަން ޗެޓް ޕްރޮގްރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ އިންވެސްޓްމަންޓް ބައްޓަންކޮށްފައިވަނީ އެތަނަށް ބޭނުންވާ ކަރަންޓާއި ހުރިހާ ހިދުމަތެއް ސަރުކާރުގެ އަތުން ގަންނަ ގޮތަށް ކަމަށެވެ. އެހެންކަމުން، މުޅި ރަސްމާލޭގެ ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކޮށްދިނުމަށް މިހާރުވެސް ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، ބާކީ އޮތް 650 ހެކްޓަރު ތަރައްގީކުރުމުގައި ހުޅުމާލެއަށް ވީ ގޮތަށް މަޑުކުރަން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހުޅުމާލެއަށް 30 އަހަރު ވީއިރުވެސް ފެނާއި ނަރުދަމާ ނުނިމި، ކަރަންޓު ނުލިބޭ ބަޔަކު އުޅޭކަން ފާހަގަކުރައްވައި، ހުޅުމާލެ ކިރިޔާވެސް ހުޅުމާލެއަކަށް ވީ ބްރިޖް އެޅުނީމާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އިހުލާސްތެރި ނިޔަތެއް ނެތް ކަމަށާއި، ގައުމަށް ކިތަންމެ ފައިދާވާ އަދި ރަނގަޅު ކަމެއް ކުރިމަތީގައި އޮތަސް އެ ފަރާތްތަކުން މަސައްކަތްކުރަނީ އޮޅުވާލައިގެން އެކަމަކާ އިދިކޮޅުވުމަށް ކަމަށެވެ. "އަޅުގަނޑަކަށް މުހިންމެއް ނޫން ސިޔާސީ އިދިކޮޅު މީހުންގެ ވާހަކަ ބަދަލުކުރުމެއް. އެމީހުންނަކީ ޒިންމާދާރު ބައެއް ނޫން،" ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށާއި، އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ދެތިން ހަފްތާއަށް ނުވަތަ ދެ ހަފްތާއަށް މަޖިލީހުން އާންމުކޮށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ފުރިހަމަ އެއްބަސްވުންވެސް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުއްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލޭގެ މި އިންވެސްޓްމަންޓަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަން ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، އެތަނުގައި ކަންކަން އޮންނާނީ ރިސޯޓެއްގައި އޮންނަ ފުޅާމިނަށް ވުރެވެސް ހަނިކޮށް ކަމަށެވެ. އެގޮތުން އެތަނުގައި ރާ ނުވިއްކޭނެ ކަމަށާއި، ރާ ނުބޮވޭނެ ކަމަށާއި، އޫރުމަސް އަދި ކެސިނޯވެސް ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އެތަނުގައި މިސްކިތް ހުރެ ފަސް ވަގުތު ބަންގި ގޮވާނެ ކަމަށާއި، ރޯދަމަހު މަގުމައްޗަށް ފެންނަ ގޮތަށް ކައިބޮއި ނޫޅެވޭނެ ކަމަށާއި، ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް އޮންނަ ނުވަތަ އެނޫން ގޮތަކަށްވެސް ސްކޫލެއް ނުވަތަ ތައުލީމީ މުއައްސަސާއެއް އެތަނުގައި ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެތަނުގައި ދިވެހި ފުލުހުން ތިބޭނެ ކަމަށާއި، އަސްކަރީ ގޮތުންނާއި ގާނޫނު ތަންފީޒުކުރުމުގައިވެސް ހިނގާނީ ދިވެހި ދައުލަތާއި މުއައްސަސާތަކުގެ ބާރާއި ރާއްޖޭގެ ގާނޫނު ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ޕްރޮޕަޓީ ވިއްކުމުގައި ވަކި ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ވިއްކޭނީ 25 އިންސައްތަ ކަމަށާއި، ނަމަވެސް ދިވެހިންނަށް އެއްވެސް ހިފެހެއްޓުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށް އެތަނުގެ ޕްރޮޕަޓީތައް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޖީސީސީގެ ގައުމުތަކާއި އަރަބި އިސްލާމީ ގައުމުތަކުގެ މީހުން ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އެތަނުން އެއްވެސް ޕްރޮޕަޓީއެއް ނުގަނެވޭނެ ކަމަށާއި، ކުއްޔަށް ނުލިބޭނެ ކަމަށާއި، އެންމެ ދުވަހަކަށް މަޑުކުރަންވެސް ނާދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޕާސްޕޯޓުގެ އިތުރުން ކޭވައިސީ މެދުވެރިކޮށް ހުރިހާ ގޮތަކުން އެއީ ކޮން ގައުމެއްގެ ރައްޔިތެއްތޯ ބަލާނެ ކަމަށާއި، އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް، އިޒްރޭލުން ހިންގަނީ ޖެނޮސައިޑެއްކަން އދ.ގައި އިއުލާންކުރެއްވީވެސް އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ފުރުސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ފުރުސަތުތައް ހަނި ނުވާ ކަމަށެވެ. މާލޭ ރައްޔިތުންގެ ކެޓަގަރީއާއި، ދަފްތަރު ކެޓަގަރީއާއި، 15 އަހަރު ވަންދެން މާލޭގައި އުޅުނު މީހުންގެ ކެޓަގަރީ ހިމެނޭހެން، ގޯތި ހޯދަން ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ރަސްމާލެއިން ގޯތި ކަށަވަރުވާނެ ކަމަށް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން މި މަޝްރޫއު ހުއްޓުވަން އުޅެނީ މީގެ ސަބަބުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދި، ރާއްޖޭގެ ޖީޑީޕީއާއި ކްރެޑިޓް ރޭޓިން އެތައް ގުނައަކުން މަތިވެ، ބޮޑު ދަރަނިން ގައުމު ސަލާމަތްވާނެކަން އެނގޭތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ މި މަޝްރޫއުގެ ފުރަތަމަ ސޭލްގެ ތެރެއިން ލިބޭ ދިހަ އިންސައްތަ ފިއުޗާ ރެވެނިއުގެ ތެރެއިން އިންވެސްޓަރު ކުރިއަށް ހަރަދުކުރާ ފައިސާއިން ހިންގާ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރިޒާވްގައި 500 މިލިއަން ޑޮލަރު ބެހެއްޓުމުގެ ބަދަލުގައި އެ ފައިސާ ބޯހިޔާވަހިކަމަށް ހަރަދުކުރެއްވުމަށް ނިންމެވީ ކަމަށާއި، ބައެއް އެހެން މަޝްރޫއުތަކާ ހިލާފަށް، ފެނާއި ނަރުދަމާއާއި ކަރަންޓު ހިމެނޭހެން މި 5،000 ޔުނިޓް ނިންމާއިރު ސަރުކާރުގެ ބޮލުގައި އެއްވެސް ދަރަންޏެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

އަދި 2028 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ދާއިރު މި ޔުނިޓުތަކުގެ ސްޓްރަކްޗާއާއި ބޭރުގެ ފިނިޝިންގެ ބޮޑު ބައި ނިމި، ރަޖިސްޓްރީ ހަދާފައި މީހުންނަށް ދެވޭނެ ކަމަށާއި، މީގެ ތެރެއިން ގިނަ އަދަދެއްގެ ޔުނިޓުތައް ޒުވާނުންނާއި، ރިސޯޓު މުވައްޒަފުންނާއި، މަސްވެރިކަމާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ލިބިފައި ނުވާ ފަރާތްތަކަށް އިސްކަންދީގެން ކަނޑައެޅުއްވުމަށް ވިސްނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.