ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއާއެކު ރާއްޖޭގައި އުފަންވެގެން އަންނަނީ ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސްދޭ ނޭޝަން ޗެޓް ޕްރޮގްރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ރަސްމާލޭގެ މި އިންވެސްޓްމަންޓުގެ ތެރެއިން ރައްޔިތުންނަށް ވަރަށް ގިނަ ހެވާއި ލާބަ ފަހިވެގެންދާނެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އިހުލާސްތެރި ނިޔަތެއް ނެތް ކަމަށާއި، ގައުމަށް ކިތަންމެ ފައިދާހުރި ކަމެއް ކުރިމަތީގައި އޮތް ނަމަވެސް އެ ފަރާތްތަކުން މަސައްކަތްކުރަނީ އޮޅުވާލައިގެން އެކަމާ ދެކޮޅު ހެދުމަށް ކަމަށެވެ. މި މަޝްރޫއުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންދިއުމަށްޓަކައި، ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށާއި، އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން ދެތިން ހަފްތާއަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް މަޖިލީހުން އާންމުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން ވެސް މަޖިލީހުން ކަނޑައަޅާ ދާއިމީ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް ވިދާޅުވިއެވެ.

ރަސްމާލޭގައި ކުރިއަށްގެންދާ މި މަޝްރޫއާ މެދު ރައްޔިތުން އެއްވެސް ވަރަކަށް ކަންބޮޑުވާން ނުޖެހޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި، އެ ތަނުގައި ހިނގާނީ ރާއްޖޭގެ ސިޔާދަތާއި ގާނޫނުއަސާސީ އަދި ގާނޫނުތަކެވެ. އެ ސަރަހައްދުގައި ދިވެހި ފުލުހުންނާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ބާރު ހިނގާނެ ކަމަށާއި، އެ ތަނުގައި ރަލާއި އޫރުމަސް ބޭނުންކުރުމާއި ވިއްކުން މަނާވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކެސިނޯއާއި ބޭރުގެ ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ ސްކޫލްތައް ނުހުންނާނެ ކަމަށާއި، މިސްކިތްތައް ހުރެ ފަސް ވަގުތު ބަންގި ގޮވާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، ރޯދަމަހު އާންމުކޮށް މަގުމަތީގައި ކައިބޮއި ނޫޅެވޭނެ ކަމަށާއި، ވަކި ގައުމެއްގެ ރައްޔިތުންނަށް އެ ތަނުގެ 25 އިންސައްތައަށް ވުރެ ގިނައިން ޕްރޮޕަޓީ ނުވިއްކޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދިވެހިންނަށް އެއްވެސް މިންވަރެއްގެ ހިފެހެއްޓުމެއް ނޯންނާނެއެވެ. މީގެ އިތުރުން، ޕާސްޕޯޓާއި ކޭވައިސީ މެދުވެރިކޮށް ހުރިހާ ގޮތަކުން ޗެކްކުރާނެ ކަމަށާއި، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އެ ތަނުން ޕްރޮޕަޓީ ގަތުމާއި ކުއްޔަށް ހިފުމުގެ އިތުރުން، އެންމެ ދުވަހަކަށް މަޑުކޮށްލަން ވެސް ނާދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި އިންވެސްޓްމަންޓް ބައްޓަންކޮށްފައިވަނީ އެ ތަނަށް ބޭނުންވާ ކަރަންޓާއި އެހެނިހެން ހިދުމަތްތައް ސަރުކާރުގެ އަތުން ގަންނަ ގޮތަށް ކަމަށް ވާތީ، މުޅި ރަސްމާލޭގެ ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކޮށްދިނުމަށް މިހާރު ވެސް ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ހުޅުމާލެއަށް ދިމާވި ފަދައިން މަޑުކުރަން ނުޖެހި، ބާކީ އޮތް 650 ހެކްޓަރު ތަރައްގީކޮށް ގިނަވެގެން 10 އަހަރުގެ ތެރޭގައި މުޅި ރަސްމާލެ އެންމެ ދިރުންހުރި ސިޓީއަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާލޭގެ ރައްޔިތުންނާއި ދަފުތަރުގައި ހިމެނޭ މީހުންގެ އިތުރުން، 15 އަހަރު ވަންދެން މާލޭގައި ދިރިއުޅެފައިވާ މީހުން ހިމެނޭހެން، ގޯއްޗަށް ކުރިމަތިލި ހުރިހާ ކެޓަގަރީއަކުން ޝަރުތު ހަމަވާ އެންމެންނަށް އެ ތަނުން ގޯތި ކަށަވަރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެއީ މަޝްރޫއުގެ ފުރަތަމަ ސޭލުން ސަރުކާރަށް ލިބެންޖެހޭ 10 އިންސައްތަ އާމްދަނީގެ ތެރެއިން، އިންވެސްޓަރު ކުރިއަށް ހަރަދުކުރާ 500 މިލިއަން ޑޮލަރުން ހިންގާ މަޝްރޫއެއް ކަމަށެވެ. އެ ބިމުގެ ފެނާއި ނަރުދަމާއާއި ކަރަންޓު ފަދަ އަސާސީ ހުރިހާ ވަސީލަތްތަކާއެކު އެ 5،000 ޔުނިޓު ނިންމާއިރު، ސަރުކާރުން އެއްވެސް ލޯނެއް ނަގަން ނުޖެހޭނެ ކަމަށާއި އަނބުރާ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި 2028 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ދާއިރު އެ އިމާރާތްތަކުގެ އޮނިގަނޑާއި ބޭރުގެ ފިނިޝިންގެ ބޮޑު ބައެއް ނިމި، ގާނޫނީ ގޮތުން މީހުންނަށް ރަޖިސްޓްރީ ހަދައިދެވޭ ވަރުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ޔުނިޓުތަކުގެ ތެރެއިން ގިނަ އަދަދެއް ކަނޑައެޅުމަށް ވިސްނަވަނީ ޒުވާނުންނާއި، ރިސޯޓު މުވައްޒަފުންނާއި، މަސްވެރިން ހިމެނޭހެން އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ތެރެއިން އަދި ބޯހިޔާވަހިކަން ލިބިފައި ނުވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.