އެކަށީގެންވާ މުވައްޒަފުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ޖެހޭ ކަަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވައިފިއެވެ.

ސަރުކާރުން ފޮނުވި މި ބިލަކީ، މަޖިލިސް ރައީސަށް ރަސްމީ ގެކޮޅު ހަމަޖައްސައި އެ ގެ ގޮޅޮގެ ސެކިއުރިޓީއާ ބެހޭ ކަންކަން ހަމަޖެއްސުމަށް ގާނޫނުން ލާޒިމުކޮށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސް އެ ބައިތައް ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ ބިލެކެވެ.

މި ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި، އެ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ.

މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައި ވާން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި ބުނެފައިވަނީ މަޖިލީސް ރައީސްގެ ރަސްމީ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ވާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ކަމަށާއި، އެ ގެކޮޅަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާ ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އެކުގައި ދިރިއުޅޭ، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި، ދަރިންނާއި މަންމަ އާއި ބައްޕަ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭން ވާނެ ކަމަށްވެސް ބިލުގައު ވެއެވެ.

ބިލުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލު ކުރަން ފަށާނީ، މި ގާނޫނު ފާސް ވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށެވެ. މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުން ވަނީ މަޖިލީހަށް އިއްވަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް އެމަނިކުފާނު ހުންނަވާ ހާއްސަ ރަސްމީ ގެކޮޅެއް ހަމަޖެއްސެވުމަށް ސަރުކާރުން ނިންމީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ.

އެ ހަމަލާއާށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހާއްސަ ކޮށްފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުމުގެ މަސައްކަތް ގާނޫނުތަކުގެ ތެރެއިން ކުރެއްވުމަށް އެޓާނީ ޖެނެރަލަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވިއެވެ.