މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި ޒުވާނާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ހުވަފެނީ ގޯޅީފައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ޖެހިގެން ކަމަށާއި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 10:00 ގައި ކަމަށެވެ. އަދި އެކްސިޑެންޓުގައި މަރުވީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ. ނަމަވެސް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް މިއަދު ވިދާޅުވީ އކްސިޑެންވި ޒުވާނާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އޭރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓު ގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ އެވެ. އެކްސިޑެންޓު ހިނގި އިރު ޔަޒްދާން އިނީ ސައިކަލްގެ ފަހަތުގަ އެވެ. ސައިކަލް ދުއްވަން އިން މިހާ އެކްސިޑެންޓު ހިނގުމާއެކު ފިލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޔަޒްދާންގެ ކަރަށް ވަނީ ގާޑިޔާގެ މުއްގަނޑު ހެރިފަ އެވެ.

ދެ ސައިކަލެއް ވެއްޓިފައި އޮންނަ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. އަދި ސައިކަލްތައް ކައިރިން ޔަޒްދާން ކަރުގައި އަތް އަޅައިގެން މަޑު މަޑުން ހިނގާފައި ދާ ތަންވެސް ފެނެ އެވެ. ހިނގާފައި ގޮސް ދެން ފެންނަނީ އޭނާ ކުއްލިއަކަށް ވެއްޓޭ ތަނެވެ. އަދި ކައިރީގައި ހުރި އެހެން މީހަކު، ޓީޝާޓު ބޭލުމަށްފަހު ޔަޒްދާންގެ ކަރުގައި އޮޅައި ލޭ މަނާކުރުމަށް މަސައްކަތް ކުރާތަންވެސް އެ ވީޑިއޯ އިން ފެނެ އެވެ.

ސާޅީސް ފަސް ސިކުންތުގެ މި ވީޑިއޯ އިން ފުލުހަކާއި ސިފައިންގެ މީހަކު އެ ސަރަހައްދަށް ދާތަންވެސް ފެނެ އެވެ.