ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ޕެންޝަން ފައިސާ ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހިޔާ ފްލެޓް ތަކުގެ ފިނިޝިން އަށް ރައްޔިތުން ކުރަން ޖެހޭ ހަރަދަށް ލުޔެއް ދޭން ޖެހޭ ކަމަށެވެ.
"އެ ރައްޔިތެއްގެ ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް ބޭނުންކުރުމުގެ އިހުތިޔާރު އެ ރައްޔިޔަކަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން،" ޕެންޝަން އޮފީހާއި އެޗްޑީސީ ޓެގް ކުރެއްވުމަށް ފަހު ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެ ކަމަކީ ރަސްމީ އިދާރާތަކުގައި އެދެން ޖެހޭ ކަމެއް ކަމަށާއި އޭގެ ބަދަލުގައި ސޯޝަލް މީޑިއާއަށް އެ ވާހަކަ ދޫކޮށްލުމަކީ އެންމެ ޒިންމާދާރު ގޮތް ނޫން ކަމަށް މީހަކު ބުނުމުން ޑރ. މުއިއްޒު ވިދާޅުވީ، އެކަމަށް އެދި ރަސްމީކޮށް ސިޓީ ފޮނުއްވާފައި ވާނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން ރައްޔިތުންގެ އާމްދަނީ ދަށް ވެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ކަމަށް ބުނެ މިދިޔަ އަހަރު ވެސް ވަރަށް ގިނަ ފަރާތްތަކަކުން ވަނީ ޕެންޝަން ފަންޑުގައި ހުރި އެ ފަރާތްތަކުގެ ފައިސާ ދޫކޮށް ދިނުމަށް އެދިފައެވެ. ނަމަވެސް އެކަމަށް އަދި މިހާތަނަށް އަލި މަގެއް ފެނިފައެއް ނުވެ އެވެ. އަދި އެހެން ކަމަކަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރުމަށް ސަރުކާރުން އޭރު ވަނީ ދެކޮޅު ހަދާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު