ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިހާރު ހޯދަނީ ހަރަދުކޮށް ރޭވި މީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ގިނަ ބަޔަކު މިހާރު ތިބީ ބަންދުގައި ކަމަށެވެ.

"މިހާތަނަށް މިކަމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ބެލެވޭ ހަތަރު ފަރާތެއް މިވަނީ ބަންދުކުރެވިފައި. އަދި އޭގެ އިތުރުން މިކަމުގައި އެކި ވަރު ވަރަށް ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު ފަރާތްތަކެއް ވަނީ ބަންދުކުރެވިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހަމަލާ ރޭވުމުގައި އިސްކޮށް ތިބީ ކޮން ބައެއްކަން ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށާއި އޭގެ ވެސް ވަރަށް ގިނަ މައުލޫމާތުތަކެއް އެއް ކުރެވިފައިވާ ކަމަށެވެ.

"މިކަމުގައި ފައިސާ އެކުލެވިގެންވޭތޯ ބެލުމަށްޓަކައި އެމެރިކާގެ އެކްސްޕާޓާ އެކީގައި މަސައްކަތްތަކެއް ވަރަށް އަވަހަށް ކުރިއަށްދާނެ. އަދި މި ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ސްޕެޝަލް އެންވޯއީގެ ގޮތުގައި އަޅުގަނޑުގެ ފަރާތުން މީހަކު އައްޔަންކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައެވެ. އެ ހަމަލާ ދީފައިވަނީ ކުރުނބާ މޯލްޑިވްސްގައި އޮތް އިވެންޓަކަށް ވަޑައިގަތުމަށް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ. ކެރެނީގެއިން ނުކުމެވަޑައިގެން ސެކިއުރިޓީންނާއެކު ނީލޯފަރު ހިނގުމުން ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ އިރު، ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއަށް ފަހު އެމަނިކުފާނު މިހާރު ފަރުވާ ހޯއްދަވަމުން އަންނަނީ ޖަރުމަނުވިލާތުގައެވެ.