އޭޕްރީލް މަހުގެ ކުރީކޮޅު ދިން ލުއިތަކަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އޭޕްރީލް މަހުގެ ކުރީކޮޅު ދިން ލުއިތަކަކީ އެންމެ ރަނގަޅަށް ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ.

"އޭޕްރީލް މަހުގެ ކުރީކޮޅުގައި އެ ދެވުނު ލުއިތަކަކީ އެންމެ ރަނގަޅަކަށް ކުރެވުނު ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އޭގައި އެ ޒިންމާ ވަކި ބައެއްގެ ބޮލުގައި އަޅުވާކަށް އަޅުގަނޑު ނެތީން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ނުކުރެވޭނަމަ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށާއި އެކަމުގެ ހިތިކަން ދިވެހިން ކުރިން ތަޖުރިބާކޮށްފައިވާ ކަމަށެވެ.

ކޮވިޑްގެ ކޭސްތައް 100 އިން މަތީގައި އުޅެނިކޮށް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވަނީ ބޮޑެލި ލުއިތައް ދީފައެވެ. އެގޮތުން ކާފިއު އުވާލައި، ރަށްރަށަށް ގޮސް ކެމްޕޭން ކުރުމުގެ ހުއްދައާއި ޕޮޒިޓިވް މީހުން ވޯޓުލުމުގެ ހުއްދަވެސް ދިނެވެ. އެކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައްވެސް އަމާޒުވިއެވެ.