ކޮވިޑް މެނޭޖް ކުރުމުގައި ސަރުކާރު ފެއިލްވެއްޖެ ކަމަށް ގަބޫލުފުޅު ނުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑުގެ އެންމެ އުނދަގޫ ދުވަސްވަރުވެސް ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ރާއްޖެއަށް 1.3 ބިލިއަން ޑޮލަރު ހޯދާފައިވާ ކަމަށާއި އެއީ ދައުލަތުގެ ބަޖެޓު ބެލެހެއްޓުމުގައި ރަނގަޅު މަސައްކަތެއް ކުރެވިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

"މިދިޔަ އަހަރު އަހަރު ލޯން އެހީއާ ހިލޭ އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު އަޅުގަނޑުމެންނަށް ހޯދިފައި އެބަވޭ. އެހެންކަމުން އެ ދަތި ހާލުގައި ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު ނުދެކެން މިކަމުގައި ސަރުކާރު ފެއިލް ވެފައިވާކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަހަރަކީ އިގުތިސޯދު އަލުން ކޮޅަށް ޖެހޭނެ އަހަރެއްގެ ގޮތުގައި ވޯލްޑް ބޭންކާއި އައިއެމްއެފުން އަންދާޒާކޮށްފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ އިގުތިސޯދު 17 އިންސައްތައާއި 18 އިންސައްތައިން މިއަހަރު ކުރިއަރާނެ ކަމަށް އެ ބޭންކުތަކުން ލަފާކޮށްފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނެވިއްޖެނަމަ ރާއްޖޭގެ އިގުތިސޯދު 21 އިންސައްތައާއި 28 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.