ކޮވިޑް ފެސިލިޓީގެ ހިދުމަތްތައް ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑުގެ ހާލަތަށް އެންމެ ފުރަތަމަ ތައްޔާރުވަމުން އައީ އަންދާޒާތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ކޮވިޑަށް ތައްޔާރުވުމުގެ ގޮތުން އޭރު އެޅި ފެސިލިޓީތަކުގައިވެސް އަދިވެސް ޖާގަ އެބައޮތް ކަމަށާއި މަދުވަނީ އިންސާނީ ވަސީލަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެބަހުރި 276 އެނދު، އައިސީޔޫ ވެންޓިލޭޓަރާއެކު އެބަހުރި 18 އެނދު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑް ފެސިލިޓީގެ ހިދުމަތްތައް ރަނގަޅުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް)ގައި ކޮންމެ ދިހަ ބަލި މީހަކަށް ނަރުހަކާއި އެޓެންޑެންޓެއް ހުރުމާއި ކޮންމެ 20 ބަލި މީހަކަށް ޑޮކްޓަރެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި 200 އަށްވުރެ ގިނަ އެނދުގެ އިތުރު ފެސިލިޓީއެއް ކޮވިޑަށް ހާއްސަކޮށްގެން ގާއިމުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.