ކޮވިޑުގެ ހާލަތު ގޯސްވުމުގެ އެންމެ މުހިންމު ސަބަބަކީ އޭޕްރީލް މަހު ކުރީކޮޅު ދިން ލުއިތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އޭޕްރީލް މަހުގެ ކުރީކޮޅު ދިން ލުއިތަކަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"ކުޑަ ދުވަސްކޮޅެއް ކުރިން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައި އޮތުމަށްފަހު، އެހެންނަމަވެސް އަނެއްކާ މިދިޔަ މަހުން ފެށިގެން މިވަނީ ވަރަށް ބޮޑަށް ކޮވިޑް ފެތުރެން ފަށާފައި. މުޅި ރާއްޖެއާއި ހާއްސަކޮށް މާލޭ ސަރަހައްދުގައި ވަރަށް ބޮޑަށް މިވަގުތު މިވަނީ ކޮވިޑް ފެތުރިފައި. މިހެން ދިމާވި ސަބަބުތަކުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ހުރެދާނެ. އެއް ކަމަކަށް އަޅުގަނޑަށް ފާހަގަކުރެވޭ އޭޕްރީލް މަހުގެ ކުރީކޮޅުގައި ދެވުނު ލުއިތައް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭރު ދިން ލުއިތަކާއެކު ރާއްޖެއަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިވެގެން ދިޔަ ކަމަށާއި މާލެ ތެރޭގައި ވަރަށް ފަސޭހައިން އެއް ތަނުން އަނެއް ތަނަށް ގޮސް، ބައްދަލުކޮށް އުޅުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.
"މި ނޫނަސް ބައެއް އިތުރު ކަންތައްތައް މިކަމާ ގުޅިފައި އޮވެދާނެ. މިހާތަނަށް މިމަހު އެކަނިވެސް 28،600 މީހަކު މިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި. އަދި 71 މީހުން މިވަނީ އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި. މި ވޭތުވެގެންދިޔަ އެއް އަހަރުގެ ތެރޭގައި މުޅިއެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއި ނިޔާވި މީހުންނާ ގާތްގަނޑަކަށް އެއްވަރަށް މިމަހު އެބަވޭ ޕޮޒިޓިވްވެ، އަދި ނިޔާވެފައި. މިއީ ކަންބޮޑުވާ ހިސާބުގައި މިވަގުތު އޮތް ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ވޭތުވެދިޔަ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރުބަލިކަމެއް ނެތި ސިއްހީ ހިދުމަތްތެރިން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވައިފި ކަމަށާއި އެބޭފުޅުންގެ އެ މަސައްކަތްތައް އެގޮތަށް ކުރިއަށްދިޔަ ނަމަވެސް، މި ވޭތުވެދިޔަ ދެ މަހު ބައްޔަށް ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑުތަން އިތުރުވުމުގެ ސަބަބުން މިއަދު މިވަނީ ޕޮޒިޓިވްވާ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު ހިދުމަތެއް ދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. އެހެންނަމަވެސް އަދިވެސް ސިއްހީ ހިދުމަތްތެރީން ތިއްބެވީ ދުލެއް ނުދީ މިކަމުގައި ކުރިއަށް ވަޑައިގަންނަވަން ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު