ޚަބަރު

ގާސިމް އެހީގައި ކިޔަވައި ސިއްހީ ދާއިރާއަށް ހިދުމަތްކުރަމުން އަންނަ މީހުން ދައްކަން ޖެެހޭ ހުރިހާ ފައިސާއެއް މާފުކޮށްދެއްވައިފި

މުއާވިޔަތު އަންވަރު

ވިލާ ނުވަތަ އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ އެހީގައި ކިޔަވައި ހިދުމަތްކުރަމުން އަންނަ ސިއްހީ ހިދުމަތްތެރީން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް މާފުކޮށްދެއްވައިފި އެވެ.

ވިލާ ފައުންޑޭޝަންގެ ބާނީ، ގާސިމް އިބްރާހީމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވިލާ ފައުންޑޭޝަންގެ 'ސްކޮލަރޝިޕްސްކީމް' ގެ ދަށުންނާއި ގާސިމް އިބްރާހިމްގެ ލޯނު އެހީގެ ދަށުން އަދި މިނޫން ވެސް ގޮތަކުން އޭނާގެ ފާރާތުން އެކި މިންވަރުގެ އެހީތެރިކަން ސިއްހީ ދާއިރާއިން ކިޔެވުމަށް ލިބިގެން މެޑިސިން، ނާސިން އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ކިޔަވައިގެން ތިބި ޑޮކްޓަރުންނާއި ނަރުހުން، ފާމަސިސްޓުންނާއި ލެބޯޓްރީ ޓެކްނީޝަނުން، އަދި މެޑިކަލްސައިންސްގެ ރޮގުން ކިޔަވައި ރާއްޖޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި އަދި ރާއްޖެއިން ބޭރުގައި ނަމަވެސް އިންސާނިއްޔަތަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންގެ ތެރެއިން ވިލާފައުންޑޭޝަނުން ނުވަތަ އޭނާގެ ފަރާތުން ނަމަވެސް މި ދާއިރާތަކުންކުރެ ދައިރާއަކުން ކިޔެވުމަށް އެއްވެސް މިންވަރެގެ ފައިސާގެ އެހީތެރިކަމެއް ލިބިފައި ވާނަމަ އެލިބިފައިވާ އެހީތެރިކަމުގެ ތެރެއިން އެއްވެސް މިންވަރެގެ ފައިސާއެއް ދެއްކުމަށް އެއްބަސްވެވި ވިލާފައުންޑޭޝަނަށް ނުދެއްކި ވާނަމަ، އެ ނުދެއްކެވި އޮތްމިންވަރެއްގެ ފައިސާ މިއަދު (26 މޭ 2021) ދުވަހު އަޅުގަނޑު ޤާސިމް އިބްރާހިމް ތިޔަ އެންމެބޭފުޅުންނަށް މާތް ﷲގެ حَضْرَة އިން ވާގި އެދި ހުރެ މައާފު ކޮށްދީފީން ކަމަށެވެ. އެއީ ކިތަންމެ ބޮޑު އަދަދެއްގެ ފައިސާ ކަމަށް ވިޔަސް އަދި ކުޑަ އަދަދެއް ކަމައް ވިޔަސް އެ ފައިސާއެއް މައާފު ކޮށްދެއްވާފައިވާ ކަމަށް ގާސިމްގެ ބަޔާނުގައި ވިދާޅުވި އެވެ.

"ކޮރޯނާ ބަލިމަޑުކަމުގެ ސަބަބުން ވިލާ ފައުންޑޭޝަނަށާއި ވިލާ ކުންފުންޏަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަކަމުގައި ވިޔަސް، މި ދަނޑިވަޅަކީ މުޅި ދުނިޔެއަށާއި މި ދިވެހި ގައުމަށް ދިމާވެފައިވާ މިނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި މެޑިކަލް ދާއިރާގެމުވައްޒަފުން ވަރަށް ބުރަކޮށް އަދި އެހައިމެ އަވަދިނެތި ވަރަށްގިނަ ވަގުތު މަސަތްކަތުގައި އުޅުއްވަން ޖެހިވަޑައިގެންފައި ވުމާއި، އިންސާނިއްޔަތަށްޓަކައި ކުރަން ޖެހިފައިވާ މިނުރައްކާތެރި، އެހެނަސް މަތިވެރި މި ހިދުމަތްތަކެއް ކެނޑިނޭޅި ކުރައްވަން ޖެހިވަޑައިގެންފައިވާ ދުވަސްވަރަކަށް ވާތީ، މިފައުންޑޭޝަނުން އަޅުގަނޑު ނިންމީ އިސްވެ ދެންނެވުނު ގޮތަށް ހަމަޖައްސައި އެކަން ތިޔަ އެންމެހައި ބޭފުޅުންނަށް ދެންނެވުމަށެވެ. މި ފާއިތުވި ދޮޅުއަހަރެއްހާ ދުވަހު ތިޔަބޭފުޅުން ވަރުބަލިކަމެއްނެތި ތިޔަކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތައް އުފަލާއެކު ބަލައިގަންނަމުން، ވިލާ ފައުންޑޭޝަނުންނާއި، އަޅުގަނޑު ތިޔައެންމެ ބޭފުޅުންނަށް އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ. އަދި ތިޔަހުރިހައި ބޭފުޅުން މިނާޒުކު ދަނޑިވަޅުގައި ދިވެހި ގައުމަށް ހިދުމަތްކޮށްދެއްވުމުގައި އިހުނަށްވުރެ ބޮޑަށް ސާބިތުވެ ތިއްބަވާނެކަން އެއްވެސް ޝައްކެއްނެތި އަޅުގަނޑު ހިތުގެއަޑިން ޔަގީން ކުރަމެވެ. ސަރުކާރާ ތިޔަބޭފުޅުންނާ ސިވިލްސާވަންޓުންނާ ސަލާމަތީ ހިދުމަތްތަކުގެ މުވައްޒިފުންނާ ވިޔަފާރިވެރިންނާ އަދި ދިވެހި އާއްމު ފަރުދުން ކޮށްދެއްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ." ގާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

ގާސިމްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ މިއަދަކީ އަޅުގަނޑުމެން އެންމެން އެކަކު އަނެކަކަށް މަދަދުވެރިވެ ކެތްތެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންވީ ދުވަސް ކަމަށެވެ.