ޚަބަރު

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ތިބޭނެ ތަންތަން ހަމަޖައްސައިދޭނެ ފަރާތްތައް ހޯދަން އިއުލާނު ކޮށްފި

ރިފާ ހަލީލު

ކޮވިޑް-19 އާ ގުޅިގެން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރާ ފްރަންޓްލައިން ވޯކާސްގެ އެކަމަޑޭޝަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ފްރަންޓްްލައިން ވޯކާސްގެ އެކަމަޑޭޝަން ހަމަޖައްސަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރުން [email protected] ރެޖިސްޓްރޭޝަން ޝީޓް ފުރުމަށް ފަހު އީމެއިލް ކުރެއްވުމަށް އެދޭ ކަމަށެވެ.

މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު ހެނދުނު 10:00 ގައި ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑު ފެނުމުން ފްރަންޓްލައިން ވޯކާސް ގެއަށް ފޮނުވުން ރައްކާތެރިކަމަށް ނުފެންނާތީ މޭލޭގައި ހުންނަ ބައެއް ގެސްޓްހައުސްތަކާއި ހޮޓާތަކުގައި އެކަމަޑޭޝަން މީގެ ކުރިން ހަމަޖެއްސި އެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅު ވުމުން ފްރަންޓްލައިން ވޯކާސްގެ ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ފޮނުވި އެވެ.

ފްރަންޓްލައިން ވޯކާސްގެ އެކަމަޑޭޝަން ހަމަޖެއްސުމަށް އަލުން އިއުލާން ކޮށްފައި މިވަނީ މޭލޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.