ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް، ކައުންސިލަރުން ތަމްސީލު ކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު، މިހާރު މިއޮތް ކޮވިޑްގެ ނުރައްކާތެރި ހާލަތަށް ވުރެ ފަހުން ބޭއްވޭނެ ގޮތަކަށް، އެ އިންތިހާބު ބާއްވަން ޖެހޭ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ދުވަހަށް ބަދަލު ގެންނަން އިލެކްޝަންސް ކޮމިޝަނުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެ އިންތިހާބު ފަސްކުރުމަށް ކޮމިޓީން އެއްބަހެއް ނުވިއެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކައުންސެލަރުން އިންތިހާބު ކުރާ ތިން މެންބަރުން އެލްޖީއޭގެ ބޯޑަށް އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، ސިޓީ ތަކުގެ ކައުންސެލަރުން ތަމްސީލުކުރާ މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުން ތަމްސީލް ކުރާ މެންބަރެއްގެ އިތުރުން ހުވާ ކޮށްފައިވާ ރަށު ކައުންސިލްގެ މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުން ތަމްސީލުކުރާ މެންބަރެކެވެ.
ޝަރީފް ވިދާޅުވީ، އަންނަ ޖޫން މަހުގެ 12 ގައި އެ އިންތިހާބު ބާއްވަން މިހާރު ނިންމާފައިވާއިރު، މިހާރު މިއޮތް ހާލަތަކަށް، މިހާ ބޮޑަށް ކޮވިޑް ފެތުރިގެން ދިއުމުގެ މައިގަނޑު އަސްލަކީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުން ކަމަށް ސީދާކޮށާއި، ނުސީދާ ކޮށް އެކި ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. މިހާރު މިއޮތް ހާލަތަކީ އެއަށްވުރެ ނާޒުކު ހާލަތެއް ކަމަށް ވާއިރު މިހާރު މިއޮތް ހާލަތު ނިމުމުން އިންތިހާބު ބޭއްވޭނެ ގޮތަކަށް ބަދަލު ގެނައުމަށް އެދިވަޑައިގަންނަވާ ކަމަށް، ޝަރީފް ކޮމިޓީއަށް ހުށަހެޅުއްވިއެވެ.
އެކަމާމެދު ކޮމިޓީގައި ކުރިއަށްގެންދިޔަ މަޝްވަރާގައި، އެއްވެސް މެންބަރަކު އިންތިހާބު ލަސް ކުރުމަށް ތާއީދެއް ނުކުރެއްވިއެވެ.
އެކަމާމެދު ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ ގާނޫނުގައި ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. އަދި އަމުދުން މިހާލަތުގައި އިންތިހާބު ބޭއްވުން އަވަސް ކުރަން ޖެހޭ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. އަދި ކޮވިޑް 19 މިހާރު އޮތް ނުރައްކާތެރި ހާލަތަށް ދިޔައީ އިންތިހާބު ބޭއްވުމުގެ ސަބަބުން ކަމަށް ގަބޫލު ނުކުރައްވާ ކަމަަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނަނީ ކައުންސިލް އިންތިހާބު ބާއްވައި ކައުންސެލަރުން މަގާމުގެ ހުވައި ކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި އެލްޖީއޭގެ ބޯޑުގައި ތަމްސީލުކުރާ މެންބަރުން އިންތިހާބު ކުރަން ޖެހޭނެ ކަމަށެވެ.
އީސީގެ ރައީސް ވިދާޅުވީ، މި އިންތިހާބުގައި ހުރިހާ ރަށެއްގައި ވޯޓު ފޮށިތައް ބެހެއްޓުމުގެ ބަދަލުގައި ކޮންމެ އަތޮޅަކުން އެއް ރަށުގައި ވޯޓު ފޮށި ބަހައްޓައި އެ ސަރަހައްދެއްގައި ހިމެނޭ ހުރިހާ ކައުންސެލަރުން އެރަށަސް ގޮސް ވޯޓުލާ ގޮތަށް އިންތިޒާމު ހަމަޖައްސަން އީސީން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ކޮމިޓީން ވަނީ އެއަށް ބަދަލު ގެނައުމަށް އެދިފައެވެ.
ކޮމިޓީގެ ގިނަ މެންބަރުން ވިދާޅުވީ، އެހެން ރަށްރަށުގެ މީހުން އެ ރަށަކަށް ދަތުރު ކުރުމަކީ ކޮވިޑް އިތުރަށް ފެތުރުމުގެ ފުރުސަތު އޮތް ކަމަކަށް ވާތީ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓައިގެން އިންތިހާބު ބޭއްވުން ރަނގަޅު ވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ، އެ އިންތިހާބުގައި މުޅި ޖުމުލަ 900 އަށްވުރެން ގިނަ މީހުން ވޯޓުލާނެ ކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ