މީހުންގެ އަގުވައްޓާލުމަށްތަކައި، އެއްވެސް އަސާސެއް، އަސްލެއް ނެތް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިޔަސް އެފަދަ މައްސަލަތަކާ މެދު އަމަލުކުރާނެ ހާއްސަ އުސޫލެއް ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ވެރިންގެ ބޮލުގައި ބޮޑެތި ބަދުނާމު އެޅުވުމުގެ ގޮތުން ހުށަހަޅާ މައްސަލަތަކަށް އިސްކަންދީގެން އަވަހަށް ނިންމާނެ ހާއްސަ އުސޫލެއް ނުގެންގުޅެންތޯ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޝާމިލް ވިދާޅުވީ މީހުންގެ އަގުވައްޓާލަން ކުރާ އެފަދަ ކަންތައްތަކަށް ފިޔަވަޅު އެޅޭނެ ގޮތް ރާއްޖޭގެ އެހެން ދާއިރާތަކުގައި ހުރި ނަމަވެސް އޭސީސީގައި އެ ނިޒާމު ނެތް ކަމަށެވެ.
އޭސީސީގެ މެންބަރުންނާ ސުވާލު ކުރައްވަމުން މެންބަރު އިބްރާހީމް ހުސައިން ވިދާޅުވީ، ހާއްސަކޮށް ރާއްޖޭގައި ވެރިކަންކުރާ ފަރާތްތައް ނުވަތަ ސިޔާސީ ބޭބޭފުޅުންގެ ބޮލުގައި ބަދުނާމު، އަޅުވަން، އެ ފަރާތްތަކުން ކަރަޕްޝަން ނުހިންގިޔަސް، އިދިކޮޅު ފަރާތްތަކުން ނޫންނަމަ އެކަމަށް ބޭނުންވާ ބަޔަކު އެބޭފުޅެއްގެ އަބުރު ކަތިލާލަން ބޭނުންވެގެން މައްސަލަ ހުށަހަޅާ ކަމަށެވެ.
އެގޮތުން ކޮރަޕްޝަނުގެ ތެރެއިން ހޯދިކަމަށް ތުހުުމަތުކުރާ ފައިސާގެ އަދަދެއް، އެފަދަ ބޭފުޅެއްގެ ބޮލުގައި އަޅުވާފައި އެބޭފުޅަކު ކަތިލައިލާ މަންޒަރު ފެންނަމުންދާކަން ފާހަގަކުރައްވައި އޭނާ ސުވާލު ކުރެއްވީ އެފަދަ މައްސަލަަތައް އަވަހަށް ނިންމައި ރައްޔިތުންނަށް އަވަހަށް ޖަވާބުދެވޭނެ އުސޫލެއް އޮވޭތޯއެވެ.
ޖަވާބު ދެއްވަމުން ޝާމިލު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ރާއްޖޭގައި ކުރިން އަމަލުކުރި ގާނޫނުގައި އެ އުސޫލު އޮތް ކަމަށާއި އެކަމަކު މިހާރު އަމަލުކުރާ ގާނޫނުގައި އެ އުސޫލު ނެތް ކަމަށެވެ.
އެކަމަކު ސަރުކާރާއި ޖުޑިޝަރީ ވެސް ހިމެނޭ ގޮތުން، ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ތުހުމަތުކުރެވޭ މައްސަަލަތަކުގައި އަމަލުކުރާނެ ގޮތުގެ ސްޓްރެޓެޖީއެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީގައި އެކުލަވައިލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
ކޮމެންޓް