އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، ލ. މާވަށު، މާޒީ، އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާ ބެހޭ އެއްވެސް ޝަކުވާއެއް އޮތްނަމަ މިއަދު 18:00 ގެ ކުރިން ހުށަހަޅަން ހުޅުވާލައިފިއެވެ.

ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒްގެ ނަން މަޖިލީހަށް ފޮނުއްވީ އިންފޮމޭޝަން ކޮމިޝަނަރުގެ ކަމުގެ މަގާމުގައި މިހާރު ހުންނެވި، ހ.ގުރުވަ/ އަހުމަދު އާހިދު ރަޝީދުގެ ކޮމިޝަނަރުކަމުގެ މަގާމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހަށް ހަމަވާތީއެވެ.

ކޮމީޝަނަރުކަމުގެ މަގާމަށް އަބްދުލްއަޒީޒް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލެއްވި ފުރުސަތުގައި، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރެއްވުމަށް ފެނިވަޑައިގަންނަވަނީ އަބްދުލްއަޒީޒް ކަމަށެވެ. އެހެންވެ އޭނާގެ ނަން މަޖިލީހަށް ފޮނުއްވާ ކަމަށާއި ނަމަވެސް އެ ސިޓީއާއެކު އެކަމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވާފައިވާ ކަަމަށްވެސް ވިދާޅުވެފައިވެއެވެ.

މި މައްސަލަ ިދރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ، އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާބެހޭ އެއްވެސް ޝަކުވާއެއް އޮތްނަމަ މިއަދު ހަވީރު 6:00 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަން ނިންމައިފައެވެ.

ކޮމިޓީގެ އެ ނިންމުމާ ގުޅިގެން މަޖިލިސް އިދާރާއިން ކުރި އިއުލާނެއްގައި ވަނީ، އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާ ބެހޭ އެއްވެސް ޝަކުވާއެއް އޮތްނަމަ މިއަދު ހަވީރު 6:00 ގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓިއަށް މެއިލް ކުރުމަށް ނުވަތަ، ލިޔުމުން އެކަމެއް މަޖިލިސް އިދާރާއަށް ހުށަހަޅަން އަންގައިފައެވެ.

މީގެ ކުރިންވެސް އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމު އަދާކުރައްވާފައިވާ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަކީ މާވަށު ދާއިރާގެ މަޖިލިސް މެންބަރުކަމުގެ އިތުރުން ދައުލަތުގެ ގިނަ މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.