އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި، ލ. މާވަށު، މާޒީ، އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ބޭނުންވާ ޝަރުތު ހަމަވާކަމަށް ފާސްކޮށް އެކަމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މައްސަލަ މަޖިލިސް ތަޅުމަށް މިއަދު ފޮނުވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އިއްޔެއެވެ.

އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުން އިއްޔެ މަޖިލީހުގެ މިިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން، އޭނާއާބެހޭގޮތުން ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ކޮމިޓީން އިއްޔެ ފުރުސަތު ހުޅުވައިލިއެވެ.

ކޮމިޓީގެ އިދާރީ މޭޒުން ބުނީ އެ ފުރުސަތުގައި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާ ބެހޭގޮތުން އަމިއްލަ ތިން ފަރާތަކުންނާއި މަދަނީ ޖަމްއިއްޔާއަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ގާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނަ މީހަކީ ސިޔާސީ އެއްވެސް މަގާމެއް، އަދި ކޮމިޝަނަރުގެ މަގާމުގެ އިތުރުންވެސް އެއްވެސް މަގާމެއް އަދާކުރާ މީހަކަށް ވެގެންނުވާނެއެވެ.

އެހެންކަމުން ކޮމިޓީގެ އިދާރީ މޭޒުން ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާ ހަވާލުވާ ހާލަތެއް މެދުވެރިވެއްޖެނަމަ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާދޭންޖެހޭ ގޮތަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އިގުރާރެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާ އިންޓަވިއުކުރުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ޝަރުތު ހަމަވާކަމަށް ފާސްކޮށް، މަޖިލިސް ތަޅުުމުން އެކަމަށް ގޮތެއް ކަނޑައަޅަން ކޮމިޓީން އެ މައްސަލަ މިއަދު ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.