ސިޔާސީ ފަރާތްތަކުން ކަންކަމަށް އެދުނު ނަމަވެސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގަވާއިދު އޮންނަ ގޮތުން ބޭނުން ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށް ސީއެސްސީގެ ރައީސް މުހައްމަދު މުޖްތާޒް ވިދާޅުވެއްޖެއެވެ.

މުޖުތާޒް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ސީއެސްސީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ ތެރެއިން އެ ކޮމިޓީގެ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސެއިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު އިބްރާހިމް ހުސެއިން ސުވާލު ކުރެއްވީ ސިވިލްސާވަންޓެއްގެ މައްސަލަ ހުށަހަޅާއިރު، ސިޔާސީ ބޭފުޅެއްގެ ނުފޫޒުން އެ ސިވިލްސާވަންޓަށް ހައްގު ނުލިބޭ ފަދަ ކަމެއް ކޮށްފައިވޭތޯއެވެ.

ޖަވާބު ދެއްވަމުން މުޖްތާޒް ވިދާޅުވީ، ސިޔާސީ ބައެއް ފަރާތްތަކުން ބައެއް ކަންކަމުގައި ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ސީއެސްސީގެ ގަވާއިދުގައި އެފަދަ ގޮތްގޮތަށް ކަންކަން ކުރެވޭގޮތަށް ނޯންނަ ކަމަށްވެސް ވިދާާޅުވިއެވެ. އަދި ގަވާއިދުގެ ތެރެއިން ކަންކަން ކުރަމުން އަންނައިރު، ބޭނުންވިޔަސް ބޭނުންވާ ކޮންމެ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މުޖްތާޒް ވިދާޅުވީ، ސީއެސްސީ ގެ ގަވާއިދުގެ ތެރެއިން ސިވިލްސާވަންޓުންގެ ހައްގުތައް ކަށަވަރު ކުރެވޭ ކަމަށެވެ. އަދި އެ ގަވާއިދުގެ ދަށުން ކަންކަން ކުރަމުން ގެންދަވަނީ ވީ އެންމެ ރަނގަޅަކަށް ހަމަހަމަކަމާއެކު، ވީ އެންމެ ރަނގަޅަކަށް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ތިބޭފުޅުންގެ ފަރާތުން އަހާލަން ބޭނުންވަނީ މަޖިލިސް މެންބަރުން ކޮމިޝަން މެންބަރުންނަށް މިވެނި ކަމެއްގަ ގުޅުއްވުން ރަނގަޅުތޯ، މިވެނި ކަމެއްގައި، މިވެނި މީހަކު، ނަގައިދޭން ވިދާޅުވުން އެއީ އެންމެ ރަނގަޅުކަމެއްތޯ، އަދި އެހެން ވިދާޅުވިޔަސް އަޅުގަނޑުމެން މަސައްކަތް ކުރަނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއި ގަވާއިދުގެ ތެރެއިން ވީ އެންމެ ރަނގަޅަކަށް ހުރިހާ މުއައްޒަފުންގެ ހައްގުތައް ހޯދައިދޭން، ސިވިލް ސާވިސް ގަވާއިދަކީ ވަރަށް ބޮޑަށް މި ކަންތައްތައް ކަށަވަރު ކޮށްދޭ ގަވާއިދެއް އަދި އެއްވެސް ފަރާތަކުން މިވެނި މީހަކަަށް މިވެނިކަމެއް ކޮށްދޭން ބުންޏަސް އަޅުގަނޑުމެނަށް ކޮށްދެވެން އޮންނަ ކަންކަމެއްނޫން އެއީ، " މުޖްތާޒް ވިދާޅުވިއެވެ.