ކޮވިޑު ޖެހިގެން ޅ. ހިންނަވަރު ހޮސްޕިޓަލުގައި ފަރުވާދެމުން އައި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ހިންނަވަރު ކައުންސިލް ރައީސް ހަސަން ޝާފިއު "ވަން" އަށް މައުލޫމާތު ދެއްވަމުން ދާދި ދެންމެ ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ބަލިވެގެން އެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކު މިއަދު ހެނދުނު މަރުވެފައިވާ ކަމަށެވެ. އެމީހާ އަކީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހެއް ކަމަށާއި އަދި އެނދުމަތި ކޮށްފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ މީހެއް ކަމަށްވެސް ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވީ މަރުވި މީހާ އިތުރު ފަރުވާ އަށް ބ. އަތޮޅުގައި ހުންނަ ކޮވިޑު ފެސިލިޓީއަށް ފޮނުވާލުމަށް މަސައްކަތް ކުރި ނަމަވެސް އިތުރަށް ހާލަތު ގޯސްވުމުގެ ސަބަބުން އެ ފެސިލިޓީއަށް ފޮނުވައި ނުލެވުނު ކަމަށެވެ. އެމީހާ މަރުވެފައިވަނީ މިއަދު ހެނދުނު 11:00 ޖެހި އިރު އެވެ.

ހިންނަވަރުން ކޮވިޑުގައި މަރުވި މީހާއެކު މިއަދު މިހާތަނަށް މަރުވި މީހުންގެ އަދަދު ހަޔަކަށް ވަނީ އަރައިފައެވެ. މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ރޭ ދަންވަރު 2:02ގައި އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ އުމުރުން 81 އަހަރުގެ މީހެކެވ. ދެވަނަ މަރުވެފައިވަނީ ރޭ ފަތިހު 3:18ގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ މީހެކެވެ. ތިންވަނަ އަށް މަރުވެފައިވަނީ 4:25ގައި އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 58 އަހަރުގެ މީހެކެވެ. އޭގެ ފަހުން އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ 93 އަހަރުފެ މީހަކާއި 85 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. މި ހުރިހާ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 135 އަކަށް އަރާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 122 ދިވެހިންނާއި 13 ބިދޭސީންނެވެ. މި މަހުގެ މިހާތަނަށް 60 މީހަކު ވަނީ މަރުވެފަަ އެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.