މި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި، އެ މައްސަލައާ ސީދާ ގުޅޭ ހަތަރު މީހަކާއި ޓެރަރިޒްމްގެ ތަފާތު ހާލަތްތަކާ ގުޅިފައިވާ 14 މީހުން މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތ. ތިމަރަފުއްޓާއި ވޭމަންޑޫގައި ފުލުހުންގެ މަރުކަޒެއް ގާއިމު ކުރެވޭނެ ތާރީއެއް އޮޅުން ފިލުވުމަށް ތިމަރަފުށީ މެންބަރު އަބުދުﷲ ރިޔާޒު މިނިސްޓަރު އިމްރާނާ ސުވާލު ކުރެއްވުމަށް އޮތް ވަގުތުގައި، ސުވާލު ކުރަން ދިން ފުރުސަތުގައި ރިޔާޒު ވިދާޅުވީ، އެ ސުވާލަކީ ހުސްވި މާޗް މަހުގެ 17 ގަ ފޮނުވާފައިވާ ސުވާލެއް ކަމަށާއި މިހާ ހިސާބަށް އައިއިރު ގައުމުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާ އާއި ކޮވިޑްގެ ނުރައްކާތެރި ހާލަތާ ބެހޭ ގޮތުން ވިދާޅުވުމުގެ ކުރިން، ދާއިރާއާ ބެހޭ ސުވާލެއް މިނިސްޓަރާ ކުރަން އުނދަގޫ ވާތީ ސުވާލު ކުރެއްވުމުގެ ކުރިން އެ ކަންކަމަށް އެއްޗެއް ވިދާޅުވުމަށް މިނިސްޓަރު އިމްރާނަށް ފުރުސަތެއް ދެއްވުމަށް މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އިވާ އަބުﷲއަށް ރިޔާޒު ދެންނެވިއެވެ.

ރިޔާސަތުން އެ ފުރުސަތު ދެއްވުމާ ގުޅިގެން، ރައީސް ނަޝީދަށް ދިން ހަމަލާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ފުލުހުން އެ މައްސަލައިގެ ތަހުގީގު ފަށާފައި ވަނީ 450 އެއްހާ ފުލުހުން އެކަމަށް ހާއްސަ ކޮށްގެން ކަމަށެވެ.

އެކަމުގައި ރެ އާއި ދުވާލު ފުލުހުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކުން އެ ތަހުގީގަށް އެކަށީގެން ވާ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީ އާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ އަށް ދެއްވަމުން ގެންދަވާ ކަމަށެވެ.

އުއްމީދަކީ އެ ނުރައްކާތެރި އަމަލު ހިންގި މީހުން ވީ އެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނެވި ފުރިހަމަ އިންސާފެއް ގާއިމު ކުރެވިގެން ދިއުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ އިތުރު ކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ލ. ގަން ތުނޑި ދުންފިނިއުފާ އަހްމަދު ފާތިހް(23އ) އާއި މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އަދި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމެވެ.

ފުލުހުން ބުނީ މި ހަމަލާއަކީ ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ. އެހެންކަމުން އެ ކަމަށް ފަންޑު ކުރި މީހުނާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

މި ހަމަލާގައި އޭޑީކޭ ހޮސްޕިޓަލުގައި ރައީސް ނަޝީދަށް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަނު ވިލާތަށް ވަޑައިގެން އެ ގައުމުގެ ހޮސްޕިޓަލުން ދިން ފަރވާއަށްފަހު އެމަނިލުފާނު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.