ވައިލެންޓް ކުށެއްގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ސީދާ ކޯޓަށް ގަބޫލު ކުރެވޭ އިރު، އަދި އެކަމުގައި ވިކްޓިމަށް އޮތް ތުރެޓް ފިލައި ދިޔަކަން، ކޯޓަށް ގަބޫލު ކުރެވެން ދެން، އެ މައްސަލައިގައި ހައްޔަރުކުރުމަށް ކޯޓުން އަމުރު ކުރުމަކީ ކޯޓުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، އެކި އެކި މައްސަލަ ތަކުގައި ތަހުގީގުގެ ބޭނުމަށް މީހުން ހައްޔަރު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

ޝަމީމު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާ ކުރި ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް މި ދިޔަ ބުރާސްފަތި ދުވަހު ޕީޖީން ކުރިމިނަލް ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ނެރެދެވެން ނެކަމަށް އެ ކޯޓުން ނިންމުމާ ގުޅިގެން ދެކެވެން ފެށި ވާހަކަތަކާ ގުޅިގެންނެވެ.

ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ނުކޮށް އޭނާ ބަންދު ކުރުމުގެ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދުނީ އެ ވަރަށް ހެކި ނެތިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މީހުން ހައްޔަރު ކުރުމާ ބެހޭ ގޮތުން ޝަމީމު އިއްޔެ ވިދާޅުވީ، މީހުން ހައްޔަރުކުރުން ހުއްދަ ސަބަބުތައް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ތަހުގީގުގެ ބޭނުމަށް ހައްޔަރު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫނެވެ.

ނަމަވެސް، ތަހުގީގު ކުރުމަށްޓަކައި، މީހުން ބަންދު ކުރަން ޖެހޭ ކަމަށް، ގާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް އާންމުންނަށް އަދިވެސް ހީވެފައި އޮންނަ ކަމަށް ޝަމީމު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 49 ވަަނަ މާއްދާގައި ބުނެފައި ވަނީ، އެމީހަކާ މެދު ތުހުމަތު ކުރެވިފައުވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މިހަކާ މެދު ޝަރިއަތުން ހުކުމް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެ ކަމަށެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރު ވާނޭ ކަން ކަށަވަރު ކުރުމަށް ކަނޑައަޅާ އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި އިންތި ވިދާޅުވެފައި ވަނީ، "ތަހުގީގަށް މީހުން ހައްޔަރު ކުރުމޭ" ބުނުމުގެ “ދިވެހި" މާނައަކީ ފުލުސް ކޯޓުން މީހުން ހައްޔަރު ކުރުމަށް ބޭނުން ކުރި ސަބަބުގެ މާނަކަމަށް ވެދާނެ. ވީމާ، އެ މާނައިގައި މީހުން ހައްޔަރެއް ނުކުރެވިދާނެ،" ކަމަށެވެ.

ނަމަވެސް ވައިލެންޓް ކުށެއްގެ ތަހުގީގެއް ކުރާއިރު، އަދި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ސީދާ ކޯޓަށް ގަބޫލު ކުރެވޭ އިރު، ވިކްޓިމަށް އޮތް ތުރެޓް ފިލައި ދިޔަކަން، ކޯޓަށް ގަބޫލުކުރެވެން ދެން، އެމީހަކު ހައްޔަރުކުރުމަށް ކޯޓުން އަމުރުކުރުމަކީ ކޯޓުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.