އުމްރާ ދަތުރު ހަމަޖައްސައިދޭނެ ކަމަށްބުނެ ގިނަ ބައެއްގެ އަތުން ނެގި ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ކުންފުންޏެއްގެ މައްސަލަ ތަހުގީގުކޮށް ނިންމައި ދައުވާކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮވައިފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވެނީ އަސްކޮއެ ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ފައިސާ ދެއްކި ނަމަވެސް، އެ ފައިސާއަށް ކުންފުނިން ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަސްކޮއެ ގްރޫޕުން ހިޔާނާތްތެރިވެފައިވާ ފައިސާގެ ޖުމުލަ އަދަދު 2،660،300 (ދެ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރައެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހެޅީ 2026 ޖުލައި 16 ވަނަ ދުވަހުއެވެ. ތަހުގީގު ފުރިހަމަކޮށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މި މައްސަލައާ ގުޅޭ ބައެއް މައްސަލަތައް ވަކިވަކިން މީހުން ވެސް ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެގޮތުން ހަ މީހެއްގެ ފަރާތުން އަސްކޮއެ ގްރޫޕާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި 155،700 ރުފިޔާ ދެއްކުމަށް އެ ގްރޫޕުގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި އުމްރާއަށް މީހުން ގެންދިއުމަށް އަސްކޮއެ ގުރޫޕަށް ދީފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުއެވެ. އޭގެ އިތުރުން އެކުންފުނީގެ ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް ގެންދިއުމުގެ ހުއްދަ ނުދޭން ނިންމާފައިވެއެވެ.