މިމަހުގެ ހަ ވަނަ ދުވަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް ފައިސާ ހަރަދުކުރި މީހުން ހޯދުމުގައި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް، ރައީސް ނަޝީދުގެ ރަސްމީ ނޫން އެކައުންޓު ކަމަށްވާ އެލެކްސް އަހްމަދުން ބުނެފިއެވެ.
އެލެކްސް އަހުމަދު މިއަދު ކުރި ޓުވީޓެއްގައި ވަނީ "ބޮން ގޮއްވާލައި އަޅުގަނޑު މަރާލަން އުޅުމުގައި ފައިސާ ހަރަދު ކުރި މީހުން ހޯދުމުގައި އެންސީޓީސީ އިން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް އަޅުގަނޑަށް އެބަ ހަބަރު ލިބޭ،" ކަމަށެވެ.
ރައީސް ނަޝީދު އެމަނިކުފާނުގެ ގެ ކޮޅުން ނިކުންނަވަނިކޮށް، ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ދިން މި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބި ފުރާނައަށް ނުރައްކާވިއެވެ.
ނަމަވެސް އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނަށް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެން އެ ގައުމުން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.
އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން، ހަރުކަށީ ވިސްނުމުގެ ހަތަރު މީހަކު މިހާރުވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ލ. ގަން ތުނޑި ދުންފިނިއުފާ އަހްމަދު ފާތިހް(23އ) އާއި މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އަދި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމެވެ.
ފުލުހުން ބުނީ މި ހަމަލާއަކީ ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ. އެހެންކަމުން އެ ކަމަށް ފަންޑު ކުރި މީހުނާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ކުރީގެ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ