ކޮވިޑް ޖެހިފައިވާ އިތުރު މީހަކު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 117 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ރޭ ފަތިހު 4:06 ގައި މަރުވެފައިވާ ކަމަށެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 44 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 117 މީހުންގެ ތެރޭގައި ހިމެނެނީ 104 ދިވެހިންނާއި 13 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.