ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބ. ދަރަވަންދޫން ފުލުހުން ރޭ ހައްޔަރުކުރީ ޕޮލިސް އިންޓެލްގެ ވަޒީފާއިން ވަކިކުރި މީހެއްކަން "ވަން"އަށް އެނގިއްޖެއެވެ.
ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި ދަރަވަންދޫން ހައްޔަރުކުރި ލ. ގަން ތުނޑި، ދުންފިނިއުފާ، އަހްމަދު ފާތިހް (23އ) އަކީ، މިމަހުގެ ހަވަނަ ދުވަހު އައިޑީއެއް ގޮއްވާލައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހެއް ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ފާތިހަކީ ކުރިން ޕޮލިސް އިންޓެލްގައި މަސައްކަތްކުރި މީހެކެވެ. އޭނާ ވަޒީފާއިން ވަކިކުރިތާ އަދި ހަ މަސް ދުވަސް ވެސް ނުވާ ކަމަށް އެނގިފައިވެއެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރީ ކޮން މައްސަލައެއްގައި ކަމެއް ކަށަވަރެއް ނުވެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕޯކްސްޕާސަން މުހައްމަދު ބަޝީރު ވިދާޅުވީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ފާތިހު ހައްޔަރުކުރީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކަން ކަށަވަރުކޮށްދެއްވި ނަމަވެސް، ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ވިދާޅުވެ އިތުރު މައުލޫމާތެއް ނުދެއްވައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެރެނީގެއިން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން އަންނަނީ ފިޔަވަޅުތައް ހަރުކަށިކޮށް، އޮޕަރޭޝަންތައް ހިންގަމުންނެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައިވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މީގެ ކުރީން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އަދި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމެވެ.
ފުލުހުން ވަނީ މި ތިން މީހުންވެސް ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ބުނެފައެވެ. އަދި އެމީހުންގެ އުޅުމުން ހަރުކަށި ފިކުރުގެ މިޒާޖު ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު