ރާއްޖެއަށް މިއީ އުނދަގޫ ހާލަތަކެވެ. ކޮވިޑް 19ގެ ނުރައްކާތެރި ރާޅަކާއެކު އެތައް ބައެއްގެ ފުރާނަ ގެއްލިގޮސް، އެތައް އާއިލާތަކަކަށް އެކަމުގެ ހިތާމަ ދަނީ ކުރިމަތިވަމުންނެވެ. ހާލަތު ނާޒުކު ނަމަވެސް ބައެއް ކަންކަން ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭނެ ކަން އެންމެނަށް ވެސް ގަބޫލު ކުރެވެއެވެ. މި ހާލަތުން އަރައިގަނެވި، ގައުމު އަލުން ބިނާ ވެގެން ދާނީވެސް އެކަންކަން ކޮންމެހެންވެސް ކޮށްގެން ކަމަށް ގަބޫލު ކުރެވެއެވެ. ހާލަތުގެ ނާޒުކު ކަމާއެކު ހުރިހާ އެންމެންވެސް ނުކުންނަނީ ދަތިތަކާއެކު ކުރަން ޖެހޭ ކަންތައް ކުރުމަށެވެ.
ގައުމީ ޓީމުގެ ކުޅުންތެރީންވެސް މިހާރު ތިބީ އެ އަޒުމުގައެވެ. އާއިލާއާ ދުރުގައި ވަކި ތަނެއްގައި ކޭމްޕްކޮށް ކުރިއަށް އޮތް އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވާއިރު، ދިވެހި ފުޓުބޯޅައިގެ މުސްތަގުބަލަށް ކޮންމެހެންވެސް އެ މެޗުތައް ކުޅެން ޖެހެއެވެ. ނޫން ނަމަ އަދަބުތަކާއެކު ދިވެހި ފުޓުބޯޅަ ސަސްޕެންޑް ވެ، ގައުމުގެ އެންމެ ވަރުގަދަ ކުޅިވަރަށް ގުޑުން އަރާފާނެ ކަމުގެ ބިރުވެސް އޮތުމާއެކުގައެވެ.
ޓީމުގެ ބައެއް ކުޅުންތެރިން ކޮވިޑާ ހަނގުރާމަ ކުރަންވެސް ޖެހިފައިވާއިރު، ބައެއް ކުޅުންތެރިންނަށް ކޮވިޑް 19ގެ ސަބަބުން ޓީމާ ނުގުޅެވި ވެސް އެބަތިއްބެވެ. މި ސީޒަންގައި އެންމެ ފޯމް ރަނގަޅަށް ހުރި މިޑްފީލްޑަރު އިސްމާއީލް އީސަ (މެސީ) އުފަން ރަށުގައި ކޮވިޑު ޖެހިގެން ތާށި ވެފައި ހުރިއިރު، ހަމްޒާ މުހައްމަދާއި، ހުސައިން ނިހާން (ނިހާޓް)ވެސް ޓީމާ ގުޅުނީ އިއްޔެއެވެ. އެ ދެކުޅުންތެރިން ޓީމާ ގުޅުނީ ކޮވިޑު ޖެހި، ރަނގަޅު ވެގެންނެވެ. އޭގެ އިތުރުން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ކޭމްޕްގައި ހުއްޓާ ކުއްލިއަކަށް ވަނީ އައިސޮލޭޝަންއަށް ދާން ޖެހިފައެވެ. އެއީ އަންހެނުން ކޮވިޑަށް ޕޮޒިޓިވް ވެގެންނެވެ. އެހެންނަމަވެސް ޕީސީއާރް ޓެސްޓް ނެގެޓިވް ވެ ދަގަނޑޭ ވަނީ މިހާރު އަލުން ޓީމާ ގުޅިފައެވެ.
ޓީމު ހޮޓެލް ޖެންގައި ކޭމްޕް ކޮށްގެން ތިބިއިރު، ތަމްރީނުތަކަށް ބޭރަށް ނުދެވުމަކީ އެންމެ ބޮޑު ޗެލެންޖެވެ. އެކަން ކޯޗު މާޓިން ކޫޕްމަންވެސް ވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގެ ޓީމުން ޗައިނާއަށް ވީހާވެސް އަވަހަކަށް ދާން މަސައްކަތް ކުރަމުން އަންނައިރު، މިހާރު އޮތް "ޕްރެކްޓިސް ޕިޗަކީ" ހޮޓެލް ޖެންގެ ބޯލްރޫމްއެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިއްސާ ކުރައްވާފައިވާ ޓުވީޓަކުން އެ މަންޒަރު ދައްކުވައިވެސް ދެއެވެ.
"އޭޝިއަން ކަޕްގެ އިތުރުން ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށް ހޮޓަލެއްގެ ބޯލް ރޫމްގައި ތައްޔާރުވާ ހަމައެކަނި ޓީމަކީ މިއީ ކަމަށް ވެދާނެ. ކުޅުންތެރިންނާއި ކޯޗުން ތިބީ ގައުމުގެ ފަހުރަށް ޓަކައި ކޮންމެ ހާލަތެއްގައިވެސް ތައްޔާރު ވާން. ހޮޓަލަށް ހާއްސަ ޝުކުރެއް އަދާކުރަން،" ބައްސާމް ވިދާޅުވެފައިވެއެވެ.
ގައުމީ ފުޓްބޯޅަ ޓީމުން މިވަގުތު "ރީތި ހޮޓަލެއްގެ ތެރޭގައި" ކޭމްޕް ކޮށްގެން ތިބި ނަމަވެސް، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެތައް ޗެލެންޖްތަކެއް ކުރިމަތިވަމުންދާ ކަމަށް ކޯޗު މާޓިން ކޫޕްމަން ވަނީ ބުނެފައެވެ. ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހު 30 އިން އަންނަ މަހުގެ 15 ދުވަހާ ހަމައަށް ކުޅޭ މެޗުތަކަށް ޗައިނާއަށް ދިޔުމަށް ޓީމުން މާދަމާ ފުރާނެ ކަމަށް ބެލެވެއެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ ކޫޕްމަން ހަވާލުވި ފަހުން އަދި ރަސްމީކޮށް މެޗެއް ނުކުޅެއެވެ. ގައުމީ ޓީމާ މިދިޔަ އަހަރު ޖެނުއަރީ މަހު ހަވާލުވި ކޫޕްމަން ފުރަތަމަ މެޗަށް ދިގު އިންތިޒާރެއް ކުރަން ޖެހުނީ ކޮވިޑްގެ ހާލަތާ ހުރެ މެޗުތައް އެކި ފަހަރު މަތިން ފަަސްކުރުމުންނެވެ. މެޗުތައް ކުޅޭނީ ހާލަތު ރަނގަޅުވުން ކަމަށް ކުރިން ބެލެވުނު ނަމަވެސް ކޫޕްމަން ފުރަތަމަ މެޗުތަކަށް ނުކުންނައިރު މި އޮތީ ބޭނުން ވި ހާލަތެއް ނޫނެވެ.
ހާލަތަކީ ރީތި ހޮޓަލެއްގެ ތެރޭގައި ކޭމްޕް ކޮށް، ފިޓްނަސް ހިފަހައްޓަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ހާލަތެއް. ފުޓުބޯޅަ ކުރިއަށްދާން ޖެހޭ. އެކަމަކު ރާއްޖޭގައި މިހާރު އޮތް ހާލަތަކީ ވަރަށް އުނދަގޫ ހާލަތެއް. ވަރަށް ގިނަ ކުޅުންތެރިން އިންފެކްޓް ވެއްޖެ. ރަނގަޅު ހާލަތަކަށް ގެނެވޭތޯ އެފްއޭއެމުން ވަރަށް މަސައްކަތް އެބަކުރޭ. އެކަމަކު ފަސް ހަފްތާ ވަންދެން ދަނޑުގައި ޓްރެއިން ނުކޮށް ޗައިނާގައި 10 ދުވަހުން ތައްޔާރުވާން މި ޖެހުނީ. އަހަރެމެން ޓީމެއްގެ ގޮތުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަކުރަން. އެކަަމަކު މިއީ ޓީމެއްގެ ގޮތުގައި އަބަދަކު ކުރެވޭނެ ވެސް ކަމެއް ނޫން،" ޓީމާއެކު ކޭމްޕްގައި ހުރެ، ޓީމުގެ ބައެއް ފޮޓޯތަކާއެކު ކޯޗު ކޫޕްމަން އިންސްޓާގްރާމް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
ކޯޗު ކޫޕްމަން ބުނެފައި ވަނީ ޓީމުގެ ކަންކަން އެންމެ ރަނގަޅަކަށް ފުރިހަމަ ކޮށްދިނުމަށް އެފްއޭއެމްއިން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަވާ ކަމަށާއި، އުންމީދަކީ ނަތީޖާ ނެރުން ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު