ރައްޔިތުންގެ މަޖިލީހުގެ އިޖުތުމާއީ ކޮމެޓީގެ މުގައްރިރު ކަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަކި ކުރުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ވޯޓަށް އަހަން ބޭނުންވާ އަދަދަށް ކޯރަމް ހަމަ ނުވެގެން، ނިންމާލައިފިއެވެ.
އީސަގެ މައްޗަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުގައި އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، އެ ކޮމިޓީގެ ނައިބު މުގައްރިރު ހުސެއިން ފިރުޝާން އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއެވެ.
މި ތިން މެންބަރުންނަކީ ވެސް އެ ކޮމިޓީގެ މެންބަރުންނެވެ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ، ނައިބު މުގައްރިރު ފިރުޝާނެވެ. އޭގެ އިތުރުން ދެން ބައްދަލުވުމަށް ވަޑައިގެން ތިއްބެވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.
މިއަދުގެ ބައްދަލުވުމަށް އީސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމަށްފަހު، އޭނަގެ އިތުބާރު އޮތްތޯ ބެލުމަށް ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތުން، ވޯޓަށް އެއްސެވިއެވެ. ނަމަވެސް ވޯޓުގެ މަރުހަލާގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައްދަލުވުން ވަނީ ކުޑަ ވަގުތުކޮޅަކަށް ހުއްޓިފައެވެ.
ބައްދަލުވުން އަލުން ފައްޓަވަމުން ފިރުޝާން ވިދާޅުވީ، މިފަދަ މައްސަލަތައް ފާސްކުރުމަށް ކޮމިޓީގެ ޗެއާ ފިޔަވައި ފަސް މެންބަރުން ބޭނުންވާނެ ކަމަށެވެ. ނަމަވެސް ބައްދަލުވުމުގައި އެ އަދަދަށް މެންބަރުން ނެތް ކަމަށާއި އަދި އެ އަދަދު ހަމަކުރުމަށް ބާކީ ތިބި ތިން މެންބަރުންނަށް ގުޅައިގެން، ކޮމިޓީގައި ބައިވެރިވެވޭތޯ ބެލި ނަމަވެސް އެކަން ވާ ގޮތް ނުވި ކަމަށެވެ.
އެހެންކަމުން ފިރުޝާން ވަނީ އީސަގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓުން ނެގުން ފަސްކޮށް، ކޮމިޓީ ބައްދަލުވުން ނިންމާލައްވައިފައެވެ.
އިޖުތިމާއީ ކޮމިޓީގައި ޖުމުލަ ނުވަ މެންބަރުން ތިއްބަވައެވެ. އޭގެ ތެރެއިން މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނުގެންނެވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ އިތުރުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދެވެ. އެ ތިން މެންބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.