ޚަބަރު

އިންޓެލިޖެންސް އޮޑިޓް ކޮމިޓީން މަޖިލީހުގެ 241 ކޮމިޓީއާ ބައްދަލުކޮށްފި

އަލީ އަފާފް ރަމީޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށް އެކުލަވާލާފައިވާ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީއާ ބައްދަލުކޮށް، މައުލޫމާތު ހިއްސާކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އިންޓެލިޖެންސް އޮޑިޓް ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައި، އޮޑިޓް ކޮމިޓީގެ މެންޑޭޓާއި މަސައްކަތްތަކާއި އަދި ހާސިލުކުރަން ބޭނުންވާ ނަތީޖާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ހިމެނޭ ގޮތަށް މިމަހުގެ 11 ވަނަ ދުވަހު ހަތަރު މެންބަރުންގެ ކޮމިޓީއެއް ރައީސް ވަނީ އުފައްދަވައިފައެވެ. މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ.

ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ގާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާ މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރު ބެލުމާއި އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި މި ނިޒާމުގައި އިސްލާހު ކުރަންޖެހޭ ކަންކަން ދެނެގަތުން ވެސް ހިމެނެއެވެ.

ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސަށް ފޮނުވުމަށް ވަނީ ހަމަޖައްސައިފައެވެ.

މި ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް ވަނީ ހަމަޖައްސަވައިފައެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖުތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެކެވެ.