އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި، އިސްކޮށް އުޅުނު ކުރީގެ ނައިބު ރައީސް އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވާ ބަހެއްގެ މައްޗަށް ބިނާކޮށް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތައް ކަމަށް ބުނާ މީހުންގެ ލިސްޓެއް ހަދައިގެން އެ ފަރާތްތަކަށް ދައުވާ ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން ބޮޑު ހޔާނާތުގެ މައްސަަލައާ ބެހޭ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތަކީ ރައީސުލްޖުމްހުރިއްޔާއަށް ލަފާދިނުން ކަމަށާއި، އެ ކޮމިޝަނުން އެލުލަވާލާ ރިޕޯޓު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ގާނޫނުގައި ބުނެފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އެނޫން އެއްވެސް ފަރާތަކާ އެ ކޮމިޓީގެ މަސައްކަތް ހިއްްސާކުރަންޖެހޭ ކަމަށް ގާނޫނުގައި ބުނެފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެފަދަ ލިސްޓެއްގައި ތިބި ބަޔަކަށް ކުރެވޭނެ ދައުވާއެއް ނޯންނާނެ ކަމަށެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ކުރާ ކަމަކީ، ސަރުކާރާއި އެމްޑީޕީއާ ހިޔާލުތަފާތުވާ ފަރާތްތައް ބަދުނާމު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ބޮޑު ހިޔާނާތުގެ ލިސްޓު އެކުލަވާލާފައިވަނީ އަދީބު ދިން މައުލުމާތުތަކަށް ކަމަށެވެ. ހަމަ އެގޮތަށް، ދެން އަންނަ ވެރިކަމެއްގައި އަދީބުގެ ބަޔާންތަކާއި އެ ލިސްޓުގައިވާ މީހުންގެ ނަންތައް ބަދަލުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.