ކޮވިޑަށް ޕޮޒިޓިވް ވެ ށ. މިލަންދޫގައި ކަަރަންޓީނުގައި ހުރި 32 އަހަރުގެ ޒުވާނަކު އުސޫލުތަކާ ހިލާފުވުމުން 10،000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
މިލަންދޫ ކައުންސިލް މެންބަރު އަހްމަދު ޝިޔާމް 'ވަން' އަށް ވިދާޅުވީ ފުލުހުން ރޭ އޭނާ ޖޫރިމަނާ ކޮށްފައިވަނީ އެތައް ފަހަރަކު ނަސޭހަތް ދިނުމުން ވެސް އެކަމަށް ބޯ ނުލެބުމުން ކަމަށެވެ.
މާލެ އިން އެ ރަށަށް ގޮސް ކަރަންޓީނުގައި ހުއްޓައި ކޮވިޑް-19ގެ އަލާމާތްތައް ފެނުމުން ނެގި ސާމްޕަލް ޕޮޒިޓިވް ވުމުން އޭނާ ކަރަންޓީނުގައި ހުންނަތާ ހަފުތާއެއް ވެދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ނަމަވެސް ކަރަންޓީނުގައި ހުންނައިރު ގޭ ކައިރިއަށް ރަހުމަތްތެރިން ގެންގޮސް ޖޯލިފަތި ބަހައްޓައިގެން ވާހަކަ ދައްކައި ކައިބޮއި ހެދުމަށް އެތައް އިރެއް ހޭދަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕޮޒިޓިވް ވެފައިވާ މީހާ މާސްކު ނާޅައި ހުންނަ ކަން ވެސް ޝިޔާމް ފާހަގަ ކުރެއްވި އެވެ.
"އެކަމުގެ ސަބަބުން ރަށުގެ ވަރަށް ގިނަ ރައްޔިތުން ވަނީ ޝަކުވާ ވެސް ކޮށްފައި. ކައުންސިލުން ވެސް އެތައް ފަހަރަކު ނަސޭހަތްތެރި ވުމުން ވެސް އެކަންތައް އިސްލާހު ކޮށްފައެއް ނުވޭ. ދެން ރަށުގެ އެހެން ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެނަށް ޖެހޭނެ ނޫން ތޯ ފިޔަވަޅު އަޅަން،" ޝިޔާމް ވިދާޅުވި އެވެ.
އެ ރަށުން މީގެ ކުރިން ވެސް ވަނީ ކަރަންޓީނުގައި ހުރި މީހަކު އުސޫލުތަކާ ހިލާފުވުމުން 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.
މިލަންދޫގައި ހޯމް ކަރަންޓީނުގައި މި ވަގުތު ވެސް ކޮވިޑަށް ޕޮޒިޓިވް އިތުރު ދެ މީހަކު އެބަތިއްބެވެ. ނަމަވެސް އެ މީހުންގެ ފަރާތުން ރަށަށް ބަލި ފެތުރުނަ ނުދިނުމަށް ފުރިހަމައަށް އެއްބާރުލުން ލިބެމުން އަންނަ ކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު