ކޮވިޑު ޖެހިގެން އިތުރު މީހަކު މަރު ވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 108 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް މަރުވެގެން ގެންދިޔަ އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެމީހާ އަކީ 73 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ބުންޏެވެ.

މިއާއެކު މިއަދު މިހާތަނަށް މި ބަލީގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ލ. ގަމުގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 88 އަހަރުގެ ފިރިހެނެކެވެ. ދެވަނައަށް މަރުވީވެސް އެ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 69 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުން އިންތިހާ އަށް އިތުރު ވަމުންދާއިރު މި ބަލީގައި މިމަހު އެކަނިވެސް 35 މީހަކު ވަނީ މަރުވެފަ އެވެ.