ބ. ދަރަވަންދޫގައި ރިލީސް ސާމްޕަލް ލިބުމުގެ ކުރިން ކަރަންޓީނުން ނުކުމެ އުޅުނު ބިދޭސީއަކު ޕޮޒިޓިވް ވެ, އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާކަން ދަރަވަންދޫ ސިއްހީ މަރުކަޒުން ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ދަރަވަންދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު މުހައްމަދު ޝިނާން "ވަން" އަށް މިއަދު ވިދާޅުވީ، މާލެއިން ގޮސް ރަށުގައި ކަރަންޓީނު ވެގެން ހުރި ބަންގްލަދޭޝް މީހަކު، އޭނާގެ ރިލީސް ސާމްޕަލް ނުލިބެނީސް ކަރަންޓީންގެ އުސޫލާ ހިލާފަށް ގެއިން ބޭރަށް ނުކުމެފައިވާ ކަމަށެވެ.

އޭނާގެ ސާމްޕަލްގެ ނަތީޖާ ލިބުނު އިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ކޭހާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށް ޝިނާން ވިދާޅުވިއެވެ.

"ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދި ކުރިއަށް ދާތީ އޭނާ ކޮންޓެކްޓް ވެފައިވަނީ ކިހާ މީހުންނަކާ ކަމެއް ނޭނގެ. ނަމަވެސް މިހާތަނަށް ފަސް މީހަކު ފާހަގަކުރެވި އެމީހުން ވަނީ އައިސޮލޭޓް ކޮށްފައި. ބިދޭސީ މީހާވެސް މިވަގުތު ހުރީ އައިސޮލޭޝަންގައި،" ޝިނާން ވިދާޅުވިއެވެ.

ދަރަވަންދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު އެންގުމެއްގައި ބުނެފައިވާ ގޮތުން، ކަރަންޓީންގެ އުސޫލާ ހިލާފުވި ބިދޭސީ މީހާ ވަނީ ރަށުގެ ތަފާތު ތަންތަނަށް ގޮސް ގިނަ އަދަދެއްގެ މީހުންނާ ބައްދަލު ވެފައެވެ. އަދި އިއްޔެ ރޭގެ އިޝާ ނަމާދުގެ ޖަމާއަތަށްވެސް އޭނާ އަރާފައިވާ ކަމަށް ބުންޏެވެ.