ރާއްޖެއިން ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ ޖުމުލަ އަދަދު 103 އަކަށް އަރައިފި އެވެ.

އެޗްޕީއޭއިން ބުނީ ރޭ 11:14ގައި ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 79 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ.

ރޭގެ ވަގުތެއްގައި އިތުރު މިހަކު ވެސް ވަނީ މިބަލީގައި މަރުވެފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް އެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގަ އެވެ. މިމަހުގެ މިހާތަަނަށް 30 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 103 މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.