މިރޭގެ ވަގުތެއްގައި އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) ކޮވިޑަށް ޕޮޒިޓިވްކަން "ވަން" އަށް އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑަށް ޓެސްޓުކުރުމަށް ނެގި ގައްދޫ ޒާހިރުގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެއެވެ. އެއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 102 އަށް އަރައިފައެވެ.

ގައްދޫ ޒާހިރު އަވަހާރަވީ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހުއެވެ. ނަމަވެސް ސިއްހީ ހާލަތާ ބެހޭ ތަފްސީލު ލިބިފައެއް ނުވެއެވެ.

އުމުރުން 70 އަހަރުން މައްޗަށް ގޮސްފައިވާ ގައްދޫ ޒާހިރަކީ 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ގައްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ބޭފުޅެކެވެ. މަޖިލީހަށް ހޮވިވަޑައިގެންނެވުމަށްފަހު، ޒާހިރު ވަނީ 2010 ވަނަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ގައްދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ޒާހިރަކީ ގައްދޫ ޒާހިރުގެ ދަރިކަލެކެވެ.

ގައްދޫ ދާއިރާގެ މެންބަރުކަން 2009 އިން 2014 ކުރެއްވި ޒާހިރު ވަނީ 2005 އިން 2009 އަށް ގދ. އަތޮޅު މެންބަރުކަން ވެސް ކުރައްވައިފައެވެ. އަދި 2005 އިން 2006 އަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވެސް މަސައްކަތްކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑު ބަލީގައި އެއް މަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ މިމަހުއެވެ. މިމަހުގެ މިހާތަނަށް މި ބަލީގައި 29 މީހަކު ވަނީ މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ ދިވެހީންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 102 މީހުންގެ ތެރޭގައި ހިމެނެނީ 91 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.