އިޒްރޭލުން ކޮވިޑު ވެކްސިން ހޯދަން ރާއްޖެއިން އެދިފައެއް ނުވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
އިޒްރޭލުން ކޮވިޑު ވެކްސިން ފޯރުކޮށްދޭ 19 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އިޒްރޭލުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓުކުރުމާ ގުޅިގެން، އެގައުމުން ވެކްސިން ފޯރުކޮށްދެނީ ދިވެހި ސަރުކާރުން އެދިގެންތޯ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވީ ރާއްޖެއިން އިޒްރޭލުން ވެކްސިން ހޯދުމަށް އެދިފައިނުވާނެ ކަމަށެވެ.
"ފޮރިން މިނިސްޓްރީން އެބަ ކަށަވަރުކޮށްދޭ ދިވެހިރާއްޖެއިން އެދިފައެއް ނުވެއޭ އިޒްރޭލުން ވެކްސިނަކަށް،" މަބްރޫކު ވިދާޅުވިއެވެ.
ރަމަޟާންމަހުގެ 27 ވިލޭރޭ މަސްޖިދުލްއަގްސާގައި ނަމާދު ކުރަން ތިބި ބަޔަކަށާއި ފަލަސްތީނުގެ ބިންތަކުން ނުހައްގުން މުސްލިމުން ނެރުމާ ދެކޮޅަށް މަސްޖިދުލްއަގްސާގައި އަޑު އުފުލަމުން ދިޔަ 90،000 އަށްވުރެ ގިނަ މުސްލިމުންނަށް އަމާޒުކޮށް އިޒްރޭލުގެ ސިފައިން ވަނީ އެ މިސްކިތަށް ވަދެ ހަމަލާތައް ދީފައެވެ.
އޭގެ އިތުރުން ވެސް ގާޒާގެ ރައްޔިތުންނަށް އިޒްރޭލުން ދަނީ ގިނަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބެމުންދެއެވެ.
އިޒްރޭލުން ގާޒާގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އެކަން ކުށްވެރިކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. އަދި އެ ހަމަލާތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އިޒްރޭލުގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމަށް ވެސް ގޮވައިލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު