ރާއްޖޭގައި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމަށް ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދުން ފެށިގެން މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖަހަން ރެޖިސްޓާވުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ވެކްސިން ދެވިގެންދާނީ އެންމެ ފުރަތަމަ ރެޖިސްޓާ ކުރާ ފަރާތްތަކަށް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް އޮފް އިމިނައިޒޭޝަނުން މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އަދި ފައިޒާ ވެކްސިން ހުރީ ވަރަށް މަދު އަދަދަކަށް ކަމަށް ވުމުން، ވެކްސިން ދެވިގެންދާނީ ބޮޑަށް ބައްޔަށް ހުށަހެޅިގެންދާނެ ފަދަ މާބަނޑު އަންހެނުންނަށް ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ އިއްޔެ ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި މާބަނޑު 50 މީހަކުވެސް ހިމެނޭ ކަމަށާއި އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމަށް ރަނގަޅު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަރަށް ފަހުން ވަނީ ނިންމައިފައެވެ.