ހއ. ދިއްދޫ އާއި ފ. ފީއަލީގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ މާދަމާއިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ދިއްދޫ އާއި ފީއަލީގައި ފިޔަވަޅުތައް ހަރުކަށި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ. އަދި ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރަން އަންގައި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުންވެސް ހުއްޓާލަން އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. ނަމަވެސް ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

އެޗްޕީއޭއިން ވަނީ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަންވެސް އަންގައިފައެވެ. އަދި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކާއި ފިހާރަތަކުން ހިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުންވެސް އިއުލާންގައިވެއެވެ.

ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ކޮވިޑުގެ އަލާމާތްތަކެއް ހުރެގެން އެރަށު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ފީއަލި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުގައި ރޯގާއެއް ފެތުރެމުންދާތީވެ، ނެގި ސާމްޕަލެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.