ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަަޒީޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ އޮޑިޓެއް ކުރުމަށް ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ ޓީމެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ކަމަށެވެ.
އެ ޓީމުން ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ އޮޑިޓުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އޮޑިޓުން ހޯދިފައިވާ ކަންކަން ރައީސްއާ ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުގެ އޮޑިޓެއް ހެދުމަށް ނިންމާފައިވާ ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މައުލޫމާތު ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސާ ހަމައަށް ތިލަ ނުވި ސަބަބު ހޯއްދެވުމަށް އަންގަވާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ދިރާސާއެއް ހެދުމަށް މިހާރުވެސް ހަވާލުކޮށްފައިވާ ކަަމަށް ވިދާޅުވިއެވެ. އެ ދިރާސާއަށްފަހު، އެމްއެންޑީއެފުން ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގޮތުގެ ތަފުސީލީ ރިޕޯޓެއް އެމަނިކުފާނަށް އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ކަމަށްވެސް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ އޮޑިޓުގެ މަސައްކަތް ފަށާފައިވާ އިރު، ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމަށް އާންމުންގެ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވި ކަމަށާއި ނަމަވެސް އެކަން ފުލުހަށް އެންގުމަށް އަންގަވާފައިނުވާ ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު އާންމު ރައްޔިތެއްގެ ފަރާތުން ލިބުމާ ގުޅިގެން ވަގުތުން އެ މައުލޫމާތު ރައީސް ނަޝީދަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށްވާތީ، އެ މުއައްސަސާއާ އެ މައުލޫމާތު ހިއްސާކުރުމުން އެ މައުލޫމާތު ފުލުހުންނަށް ނުވަތަ ކޮމިޝަނަރު އޮފް ޕޮލިސްއަށް ހިއްސާކުރުމަށް މާރިޔާ އަންގަވާފައި ނުވާ ކަމަށްވެސް ލަބީބު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެރެނީގެއިން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް އެމަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު