އެމްއެމްޕިއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަން މުޅިން އާ ތަހުގީގު ޓީމެއް އެކުލަވައިލަން ކުރީގެ ނައިބު ރައީސް، އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފިއެވެ.

އެމްއެމްޕީއާރުސީ ގެ މައްސަލަ ތަހުގީގު ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ބެލުން ލަސްވަމުންދާ މައްސަލަ މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލިހުގެ ކަމާބެހޭ ކޮމިޓީއަކުން ވަނީ ބަލައި އެކަމާ ބެހޭ ރިޕޯޓެއް ނެރެފައެވެ.

ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ލިސްޓުވެސް އެ ކޮމިޓީން މިދިޔަ ހަފުތާގައި އާއްމު ކުރިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އާއި، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، ހިމެނޭ ގޮތުން އުފެއްދި ޖޮއިންޓް ކޮމިޓީން ނެރުނު މި ލިސްޓާ ބެހޭ ގޮތުން އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެ މައްސަލައިގައި، މިނިވަން ތަހުގީގެއް، ނުކުރެވޭނެ ކަމަށެވެ. އެކަމަށް މުޅިން އާ ތަހުގީގު ޓީމެއް އެކުލަވައިލަން ޖެހޭ ކަމަށާއި އެފަދަ ޓީމެއްގެ ތަހުގީގަށް ސިޔާސީ ޕާޓީތަކުން އެއްބާރުލުން ދޭން ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަަމަވެސް ޑރ. ޖަމީލު ވިދާޅުވީ، އެމްޑީޕީގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ބޮޑުން ހިމެނޭ އެ ލިސްޓަށް އުނި އިތުރުވާކަން ކަށަވަރު ވެފައިވާ ކަމަަށެވެ، އެެހެންކަމުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ފަސް އަޅައި ފޮރުވުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުށެއްގެ ހެކި ނައްތާލުމަކީ އެއީ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށް އިތުބާރު ކުރާ މީހެއް މިހާރު ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެމްޑީޕީގެ އޭރުގެ ޕީޖީ ލީޑަރު، މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވާ ކަމަށް ޑރ. ޖަމީލު ވަނީ ފާހަގަ ކުރައްވައިފައެވެ.

ޖަމީލު ވިދާޅުވީ ހިޔާނާތުގެ މައްސަލައިގައި މިހާރު ކޮށްފައިވާ ތަހުގީގަކީ ސިޔާސީ ސަކަރާތެއް ކަމަށެވެ. ސަރުކާރާ އެކު ހެދި ޑީލެއްގެ ދަށުން އަސްލު މުޖުރިމުން ތިބީ ގޭގައި ކަމަށްވެސް ވިދާޅުވިއެވެ.