ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގަންނަވަން، ފްލައިޓަށް އަރާވަޑައިގަންނަވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
އިތުރު ފަރުވާ ދިނުމަށް ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނު 11:00ގައެވެ. އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގަތީ އެމަނިކުފާނު ގެންދިއުމަށް ހާއްސަކޮށްފައި އޮތް ޕްރައިވެޓް ޖެޓެއްގައެވެ.
ސޯޝަލް މީޑިއާގައި ވަނީ އެމަނިކުފާނު އެ ޖެޓަށް އަރާވަޑައިގަންނަވާ ވީޑިއޯއެއް އާންމުވެފައެވެ.
އެ ވީޑިއޯގައި އެމަނިކުފާނު ފްލައިޓުގެ ސިޑިން އަރާ މަންޒަރު ފެނިގެންދެއެވެ. ފެނިގެންދަނީ އެމްއެންޑީއެފް ބޭފުޅެއްގެ އެހީތެރިކަމާއެކު ސިޑިން ފްލައިޓަށް އަރާވަޑައިގަންނަވާ މަންޒަރެވެ. އެމަނިކުފާނު ފްލައިޓަށް އަރާވަޑައިގެންނެވި އިރު، އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ބޭފުޅުންނާއި އާއިލާގެ ބޭފުޅުން ތިއްބެވިއެވެ.
އެމަނިިކުފާނު ފްލައިޓަށް އަރާވަޑައިގަންނަވާ ވީޑިއޯގައި، އެމަނިކުފާނަށް ލިބިފައިވާ ޒަހަމްތަކުގައި ބެންޑޭޖް އަޅާފައިވާ މަންޒަރުތައްވެސް ފެނިގެންދެއެވެ. އަތުގައި ހުދު ބެންޑޭޖުތަކެއް އަޅާފައިވާ އިރު، ވާތު ފައިގައި ވަނީ ގާޑެއްވެސް އަޅައިފައެވެ.
ފްލައިޓަށް ސިޑިން އަރާވަޑައިގަންނަވަނިކޮށް އެއް ފަހަރު އެމަނިކުފާނު މަޑުޖެހިލި މަންޒަރުވެސް ފެނިގެންދިޔައެވެ. ބެލެވޭ ގޮތުގައި ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ސިޑިން އަރަން އުނދަގޫވެވަޑައިގެންނެވެ. ނަމަވެސް އަނެއްކާވެސް އެމްއެންޑީއެފް ބޭފުޅެއްގެ އެހީތެރިކަމާއެކު ސިޑިން ފްލައިޓަށް އަރާވަޑައިގަންނަވައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ.
އެމަނިކުފާނުގެ އޮޕަރޭޝަންތައް ކޮށް، ފުރާނަ ސަލާމަތް ކުރުމަށް 16 ގަޑިއިރު ހޭދަ ވެފައިވެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައިވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ބޮން ގޮއްވާލާފައިވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު ޒަހަމަވެގެން ވެއްޓުމުން، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ސެކިއުރިޓީންނެވެ.
އޮޕަރޭޝަންތައް ކޮށް، މިއަދާ ހަމަޔަށް ވެސް އެމަނިކުފާނު ބާއްވާފައި އޮތީ އޭޑީކޭގެ އައިސީޔޫގައެވެ.
ބޮން ގޮއްވާލުމުގެ ހާދިސާއާ ގުޅުން ހުރި ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. މިކަމުގެ ފަހަތުގައި އިތުރު މީހުން ވާނެ ކަމަށާއި އެ އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ. އަދި މި ހާދިސާއާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ކަމާ ގުޅުންހުރި ފަރާތްތަކަށް ރައީސް ސޯލިހު ވަނީ އަންގަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު