މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު އެއް ހަފުތާއަށް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މާލޭ ސަރަހައްދުގެ ޕްރީ ސްކޫލްތަކުން ފެށިގެން ގްރޭޑު 12ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އޮންލައިންކޮށް ކަމަށެވެ.

ނަމަވެސް މި މުއްދަތުގައި އިމްތިހާނުތައް ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް ބޮޑުތަނުން އިތުރުވެގެން ދިއުމުން މިދިޔަ ހަފުތާއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އެލްކޭޖީން ފެށިގެން ގުރޭޑް 6 ގެ ދަރިވަރުންގެ ކުލާސްތައް މިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އަދި ގުރޭޑް 7 އިން 12ގެ ދަރިވަރުން ކިޔަވަމުން އައީ ސްކޫލަށް ހާޒިރުވެގެންނެވެ. ނަމަވެސް ކޮވިޑް ކޭސްތައް މަދުވުމާ ގުޅިގެން ލުއިދީ، ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށްވެސް ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭ ގޮތަށް ފަހުން ބަދަލު ގެނައެވެ.